ޚަބަރު

ރިލްވާންގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްފި


ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފާއި ގދ ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީނާއި ސ ހުޅުދޫ އަތިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ މައްސަލަ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ ފަނަރަވަނަދުވަހުކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އަހުމަދު އާލިފް ރައޫފާއި މުހައްމަދު ނޫރައްދީނަކީ ރިލްވާންގެ މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ދެމީހުންނެވެ. އެމީހުން ދޫކޮށްލައިފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުންނެވެ. އާލިފް ރައޫފަކީ ރިލްވާން ހުޅުމާލެއިން ގަދަކަމުން އަރުވައިގެން ގެންދިޔަކަމަށް ބުނާ ރަތް ކާރުގެ ވެރިފަރާތެވެ. އަދި އެކާރުގެ ޑީކީގެ ތެރެއިން ފެނުނު އިސްތަށްޓަކުން ރިލްވާން މަންމަގެ ޑީއޭންއޭ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ތިންވަނަ މީހާ މުހައްމަދު ސުއައިދު އަކީ ރިލްވާން ގެއްލުނުކަމަށް ބުނާ ރޭ ރިލްވާނަށް ފާރަލަމުން މާލޭގެ މަގުތަކުގައި ދުއްވި މީހުންގެ ތެރޭ ގައި ހިމެނޭކަމަށް ފުލުހުން ބުނެފައިވާ މީހެކެވެ. ވީ ނުވީއެއް ނޭނގި އަހުމަދު ރިލްވާން ގެއްލިފައިވަނީ ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓްމަހުގެ ސާދަވަނަދުވަހުގެރެއެވެ.