ޚަބަރު

ބޭރު ބަޔަކަށް ރާއްޖޭގެ ޙާލަތެއް ބަދަލެއް ނުކުރެވޭނެ- ރައީސް


ރައްޔިތުން ދިރިއުޅޭ މުޖުތަމަޢެއްގެ ހާލަތު ބަދަލު ކުރުމުގެ ޚިޔާލާތު އެބައެއްގެ ތެރޭގައި ނުވާނަމަ އެތަނަކަށް ތަރައްޤީއެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ކޮލަމާފުށީގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެބައެއްގެ ހާލަތު ބަދަލުކުރުމުގެ ޚިޔާލު އަންނަންވާނީ އެބައެއްގެ ތެރެއިންކަމަށާއި، ބޭރުގެ ބަޔަކު އެ މުޖުތަމަޢެއްގެ ހާލަތު ބަދަލުކުރުމަކަށް ނާންނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙިމްވަނީ މިއަދު ހެނދުނު ހުވަދުއަތޮޅު އުތުރުބުރީގެ ކޮލަމާފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިކަމުގެ ސިނާޢަތަކީ އަޅުގަނޑުމެންނަށް ދޫކޮށްލާފައި ތިބެވޭވަރުގެ ސިނާޢަތެއް ނޫންކަމަށާއި، ބުއްދިވެރިގޮތަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް އެކަނި ބަރޯސާނުވެ އެހެން ސިނާޢަތްތައް ވެސް ތަރައްޤީކުރުންކަމުގައެވެ. މިގޮތުން އެމަނިކުފާނުވަނީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މި ޤައުމަކީ ފަތުރުވެރިކަމަށް އެކަނި އޮތް މަންޒިލެއް ނޫންކަމަށާއި، އަޅުގަނޑުމެންގެ މި ޤައުމަކީ އެކި ހިސާބުތަކުން އަންނަ ރަނގަޅު ވިޔަފާރީގެ އިންވެސްޓްމަންޓްތަކަށް ވެސް ފަހި ފުރުޞަތުތަކެއް އޮތް ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.