ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށާއި އަލިފާން ރޯވި ވޯޓަރ ވިލާގައި އެއްވެސް ގެސްޓަކުވެސް އެވަގުތު ނެތްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދިނެވެ.
ވޯޓަރ ވިލާގައި ރޯވި އަލިފާން ކޮންޓްރޯލްކޮށް، ނިއްވާލާފައިވަނީ ރިސޯޓުގެ ސްޓާފުން އަލިފާން ނިވި ބޭނުންކޮށްގެން ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދިނެވެ. އަދި މިހާދިސާގައި އަލިފާން ރޯވި ވޯޓަރ ވިލާއާ ޖެހިގެން ހުރި ވޯޓަރ ވިލާއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދިނެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އެމްއެންޑީއެފާއި ޕޮލިހުންގެ ޓީމެއް ދަނީ އެރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.