އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާ ބެހޭގޮތުން 2015 ވަނަ އަހަރު އެގައުމާއި ދުނިޔޭގެ ބާރުތަކާ ދެމެދު ޤާއިމުކުރި އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާކަން ސާބިތު ނުވާހާ ހިނދަކު، ނުވަތަ މި އެއްބަސްވުމަކީ އެމެރިކާގެ މަސްލަހަތާ ގުޅުންހުރި ކަމެއް ނޫންކަމަށް ކަނޑައަޅަން ދެން، އެމެރިކާއިން މި އެއްބަސްވުމުގައި ދެމިއޮންނަން ޖެހޭކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓްގެ ހަތިޔާރު އެޅި ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ވިދާޅުވީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށް އީރާނުން ފުރިހަމައަށް ކިޔަމަންތެރިވާކަން އެމެރިކާއަށް ސާބިތުވެއްޖެނަމަ، އަދި މި އެއްބަސްވުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ގުޅުންހުރި އެއްބަސްވުމެއްގެ ގޮތުގައި އޮތްހާ ހިނދަކު މި އެއްބަސްވުމުގައި އެމެރިކާއިން ދެމިހުރުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މި އެއްބަސްވުމުގައި ދެމިހުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިއްމު ކަމެއްތޯ އެއްސެވި ސުވާލުގެ ޖަވާބުގައި، މިއީ ޤައުމީ ސަލާމަތާ ބެހޭ މަސްލަހަތަށްވެސް މުހިއްމު އެއްބަސްވުމެއް ކަމަށް މަޓިސް ވިދާޅުވިއެވެ.
މަޓިސްގެ ވާހަކަތައް މި ގޮތަށް ހުރިނަމަވެސް ރައީސް ޓްރަމްޕް ދާދި ފަހުން ވަނީ، މި އެއްބަސްވުމަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ. 2015 ވަނަ އަހަރުގެ އެއްބަސްވުމާ ބެހޭގޮތުން އެމެރިކާއިން ހަދާފައިވާ ޤާނޫނު ބުނާ ގޮތުން މިމަހުގެ 15ވަނަ ދުވަހުގެ ކުރިން، އީރާނުން މި އެއްބަސްވުމާ ޚިލާފުވޭތޯ ނުވަތަ ނޫންތޯ ބަޔާންކޮށް އެމެރިކާގެ ސަރުކާރުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެމެރިކާ ސަރުކާރުން މި ރިޕޯޓް ހުށަނާޅައިފިނަމަ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޖެހިވަޑައިގަންނަވާނީ، އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތައް އަލުން އެޅުމާމެދު، ފަސްދޮޅަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާށެވެ.މިކަން މިހާހިސާބަށް ހިނގައްޖެނަމަ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ޤާނޫނު ހަދާ މަޖިލީހުން، މި އެއްބަސްވުމުން އެމެރިކާ ވަކިކުރާނެކަމަށް ވަނީ ބެލެވިފައެވެ.