ކުޅިވަރު

އަނިޔާއިން އެނބުރި އައިސް އަގުއެރޯ ރެކޯޑް ހަދައިފި


ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާއިން ރަނގަޅުވެގެން އައިސް ކުޅުނު ފުރަތަަމަ މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ ރެކޯޑެއް ހަދައިފިއެވެ.

ޕްރެމިއާ ލީގުގައި ރޭ ބާންލޭ އަތުން ސިޓީ 3-0 އިން މޮޅުވި މެޗުގައި އަގުއެރޯ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ސިޓީ ތާރީހުގައި އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިން އެއް ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް ކުރިން އޮތް އެރިކް ބުރޫސް ޖަހާފައިވަނީ 177 ގޯލެވެ. 

މިއަދަދަށް އަގުއެރޯ ގޯލު ޖެހުމުން މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަގުއެރޯ ދެން އެންމެ ރަނގަޅުވާނީ ރެސްޓޯރެންޓަކަށް ގެންގޮސް މުޅި ޓީމަށް ކާން ދިނުން ކަމަށެވެ.

ގާޑީއޯލާ ބުނީ ކުލަބުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އަގުއެރޯ ހުރުމަކީ އެންމެނަށް ވެސް ލިބޭ އުފަލެއް ކަމަށާއި ކުޅުންތެރިއަކަށް އެފަދަ ކާމިޔާބީއެއް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރޭގެ މެޗުން މޮޅުވުމުން ސިޓީ އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު ޕްރެމިއާ ލީގުގެ އެއްވަނާގައެވެ.