އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމް އަތުން 4-1އިން ލިވަޕޫލް ބަލިވީ އަމިއްލަ އަށް ހެދި ގޯސްތަކުގެ ސަބަބުން ކަމަށާއި މިހާ ދަށްކޮށް ޑިފެންސްކުރިތަނެއް އޭނާ ނުދެކޭ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ޓޮޓެންހަމުގެ ހެރީކޭން ޖެހި ފުރަތަމަ ގޯލަށް ފަހު ލިވަޕޫލަށް މެޗު ކާމިޔާބު ކުރުމުގެ ޔަގީންކަން އޮތް ނަމަވެސް ދެ ވަނަ ގޯލާއި ތިން ވަނަ ގޯލު ވަނީ އަމިއްލަ އަށް ހެދި ގޯސްތަކުން ކަމަށެވެ. ތިން ވަނަ ގޯލާއެކު މެޗުން ބަލިވެއްޖެނަމަ ކަމަށް ގަބޫލުކުރަން ޖެހުނު ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ.
އޭނާ ބުނީ ޑެޖާން ލޮވްރެން އަތުން ފުރަތަމަ ދެ ގޯލުގައި ބޮޑެތި ގޯސްތަކެއް ހެދުނުއިރު އެވަގުތު ކުޑަކުއްޖަކލު އެތަނުގައި ބެހެއްޓިނަމަވެސް އެހާ ބޮޑެތި ގޯސްތަކެއް ނުހަދާނެ ކަމަށެވެ.
ކްލޮޕް ބުނީ މުޅި މެޗުގައި ލިވަޕޫލުން ހެދީ ހަތަރު މިސްޓޭކް ކަމަށާއި އެއިން ކޮންމެ ފަހަރަކު ބައިކޮޅަށް ގޯލެއް ވަނުމުން ޓީމުގެ ޑިފެންސް ފޫވެއްޓިފައިވާތަން އެންމެނަށް ވެސް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ޓީމު ބަލިވީ މުޅި ޓީމަށް ވެސް ނުކުޅެވިގެން ކަމަށާއި މި މެޗުގައި ހެދުނު ގޯސްތައް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
މެޗުން ބަލިވުމުން ލިވަޕޫލް ވަނީ ނުވަ ވަނަ އަށް ވެއްޓިފައި. އަދި މެޗު ކާމިޔާބުކޮށް 20 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ދެ ވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ.
މެޗަށް ފަހު ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމަކީ އަމިއްލަ ދަނޑު ކަމުގެ އިހުސާސް މިހާރު ކުރެވެން ފަށައިފި ކަމަށެވެ. އަދި އޭނާގެ ޓީމުން ބޮޑެތި ޓީމުތަކާ އެއްސަފަކަށް އައުމަށް މިދިޔަ ތިން އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.