ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ އާއި އޭނާއާ ދެމެދު އޮތް ވާދަވަރިކަން އަދި އޮތީ ކުރިއަށް ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ދިފާއު ކުރުމަށްފަހު ރޮނާލްޑޯ މިހެން ބުނީ ދެ ކުޅުންތެރިންގެ ރެކޯޑް ހަމަހަމަވުމުންނެވެ.
ޕޯޗުގަލްގެ ކެޕްޓަން ބުނީ އާޖެންޓީނާގެ ކެޕްޓަން މެސީ އާއި އޭނާއާ ދެމެދު ޒާތީ ވާދަވެރިކަމެއް ނެތް ކަމަށާއި ނަމަވެސް ޕްރޮފެޝަނަލްކޮށް ވާދަވެރިކަން އޮންނަ ކަމަށެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި މެސީއަކީ ފުޓްބޯޅަ ކުޅޭ އެހެން ކުޅުންތެރިންނާ އަޅާ ބަލާއިރު ތަފާތު ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށެވެ.
ރޮނާލްޑޯ ބުނީ އޭނާ އާއި މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ހަމައެކަނި ދެ ކުޅުންތެރިން ކަަމަށާއި މިހެންވެ އޭނާ ގަބޫލު ކުރާ ގޮތުގައި އެ ދެ މީހުންނާއި އެހެން ހުރިހާ ކުޅުންތެރިންގެ މެދުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އަދި މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމިހުރެވޭތީ އޭނާ އުފާކުރާ ކަމަށާއި އޭނާގެ ރެކޯޑް މެސީ އަށްވުރެ ފުރިހަމަ ކުރުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.