ރައްޔިތުން މަޖިލީހުގެ 3 މެމްބަރަކު ޕީޕީއެމުން ވަކިކޮށްފިއެވެ.
ޕީޕީއެމުން ވަކިކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއި އާއި ފުވައްމުލަކު މެދު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.
ޕީޕީއެމުން ބުނީ މި ތިން މެމްބަރުން ޕާޓީން ވަކިކޮށްފައިވަނީ އެ މެމްބަރުންނާއި ގުޅިގެން ހުށައެޅުނު މައްސަލަތައް ބެލުމަށްފަހު ކޮމެޓީގެ އިއްތިފާގުންކަމަށެވެ. މި ގޮތުން މެމްބަރުން ވަކިކުރީ ސަރުކާރު ބަދުނާމްވާގޮތަށް ވާހަކަދައްކާ ޕާޓީގެ އަސާސީ ޤަވައިދާ ހިލާފަށް އަމަލުކޮށްފައިވާކަމަށާއި އަދި ޕީޖީ ގްރޫޕްގެ ނިންމުންތަކާއި ހިލާފަށް މި މެމްބަރުން މަސައްކަތްކޮށްފައިވާކަމަށްވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބުނެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލަގައި މި ތިން މެމްބަރުން ސޮއިކޮށްފައިވާތީ އެ ސޮއި ނަގަންދިން މުއްދަތުގައި އެކަން ކޮށްފައިވާ ނުވާކަމަށްވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ނިންމުމުގައިވެއެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތާފާތުވުންތަކުގެ ތެރޭގައި އެ ޕާޓީން އެއްފަހަރާ ވަކިވި ދިހަ މެމްބަރުންގެ ތެރޭގައި މުސްތަފާއާއި ޝާހު އަދި ސައުދުﷲ ހިމެނެއެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށައެޅި މައްސަލާގައި ސޮއިކުރި ސާޅިސް ފަސް މެމްބަރުންގެ ތެރޭގައިވެސް މި ތިން މެމްބަރުން ހިމެނެއެވެ. މި މެމްބަރުން ވަކިކުރިކަން އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރަކު މަޖިލީހަށް އިންތިހާބުވާ ޕާޓީ ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި ތިން މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ.
މި ހުކުމަށްފަހު ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ހަ މެމްބަރެއް އެ ޕާޓީން ވަކިކެފައިވާކަމަށް ނިންމުމުން އެ މެމްބަރުން ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ވިލިގިނލީ ދާއިރާގެ މްމެބަރު ސައުދު ހުސެއިންއެވެ.
މި ދާއިރާތަކުގެ ބައި އިލެކްޝަން އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އެ ކޮމިޝަނުން ބުނީ އެ ދާއިރާތަކުގެ ބައި އިލެކަޝަންސްތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ރައްޔިތުން މަޖިލީހުން މިމަހުގެ ސައްބީސްވަނަ ދުވަހު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓްގައި ބައި އިލެކްޝަންސްތައް ބޭއްވުމަށް ސައްބީސް މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.