ކުޅިވަރު

ސުޒޭންގެ ހެޔޮއެދުންތައް ނިއުރޭޑިއަންޓަށް


އުރީދޫ ދިވެހި ޕްރެމިއާ ލީގު ހޯދަން ނިއުރޭޑިއަންޓް މަސައްކަތް ކުރަމުން އަންނައިރު އޭނާގެ ހެޔޮއެދުންތައް ނިއު އަށް އޮންނާނެ ކަމަށް ގދ. ތިނަދޫ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އޭނާ މިހެން ބުނީ ރޭ ނިއު އަރުން 3-1 ން ބަލިވި މެޗަށް ފަހު. މެޗުގެ ކުރިން ސުޒޭން ބުނެފައިވަނީ ނިއު ފަހަކަށް އައިސް މޮޅުވަމުންދާއިރު ހަގީގަތުގައި ވެސް ނިއުއަކީ މޮޅު ޓީމެއްތޯ އޭނާ ޓެސްޓުކޮށްލަން ބޭނުންވާ ކަމަށެވެ.

މެޗަށް ފަހު އޭނާ ބުނީ ނިއުރޭޑިއަންޓައި ފެންވަރު އެބަހުރި ކަމަށާއި، ހާއްސަކޮށް އެ ޓީމުގެ މިހާރުގެ ކޯޗު ސްޕޭނުގެ އޮސްކާ ބުރުޒޮން ޓީމަށް ވަރަށް ރަނގަޅު ކަންތައްތަކެއް ދަސްކޮށްދީފައިވާ ކަމަށެވެ. އަދި ނިއުގެ ކުޅުމުން ސްޕޭނުގެ ސްޓައިލް ފެންނަމުންދާ ކަމަށާއި ނިއު އަށް ތައުރީފް ކުރާ ކަމަށެވެ.

ލީގުގެ ދެ ވަނަ ބުރުގައި ތިނަދޫ ޓީމާ ހަވާލުވި ސުޒޭން ބުނީ ރޭގެ މެޗުގައި އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބަލިވުމުގެ މައިގަނޑު ސަބަބަކީ ތިނަދޫ އާއި ނިއުރޭޑިއަންޓުގެ ފެންވަރުގެ ތަފާތުވުން ކަމަށެވެ. ޓޭބަލުގެ ހަތަރު ވަނާގައިވާ ގްރީން ސްޓްރީޓަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައި މިވަގުތު ތިނަދޫ އޮތް ނަމަވެސް ސުޒޭން ބުނީ ގްރީން ބަލިކުރެވިއްޖެނަމަ ތިނަދުއަށް ފަސޭހަކަމާއެކު ގަދަ ހަތަރަކަށް ވަދެވޭނެ ކަމަށެވެ. އެހެންވެ މިވަގުތު ހުރިހާ ސަމާލުކަމެއް ހުރީ ގްރީން ސްޓްރީޓް މެޗަށް ކަމަށެވެ.

ލީގުގައި ނިއު 30 ޕޮއިންޓާއެކު އެއްވަނާގައި އޮތްއިރު ތިނަދޫ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އަށް 16 ޕޮއިންޓެވެ.