ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސިވިލާތުގެ ޓޮޓެންހަމާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗާ ދިމާކޮށް ސްޕޭނުގެ ނޫސްތަކުން ޓޮޓެންހަމުގެ ހެރީކޭން އަށް ފާޑުކިޔައިފިއެވެ.
ސްޕޭނުގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ކޭން އަކީ އިނގިރޭސި ލީގުގައި އެންމެ މޮޅު އެއް ކުޅުންތެރިޔާ ނަމަވެސް ސްޕޭނުގައި ކުޅޭނަމަ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކޭން ނުހިމެނޭނެ ކަމަށެވެ. ސްޕޭނުގެ މަޝްހޫރު ނޫސްވެރިޔާ ކެއިރަން މާގުއޭ ދީފައިވާ އިންޓަރވިއުގައި ބުނެފައިވަނީ ކޭންއަކީ މޮޅު ކުޅުންތެރިއަކަށްވާނީ ޗެމްޕިއަންސް ލީގު ނުވަތަ ވޯލްޑް ކަޕުގައި އޭނާގެ މޮޅުކަން ސާބިތުކޮށްދީގެން ކަމަށެވެ. މިހާތަނަށް ކޭން ކުޅެފައިވަނީ ޓޮޓެންހަމަށް ކަމަށާއި އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ފައިނަލަށް ވެސް ނުވަތަ ސެމީ ފައިނަލް ވެސް ކުޅުނު ޓީމެއް ނޫން ކަމަށެވެ.
ކޭން އަށް މިހާބޮޑަށް ފާޑުކިޔާފައިވާއިރު އޭނާ އަކީ އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރާނެ އެއް ކުޅުންތެރިޔާއެވެ. އޭނާ ގަތުމަށް ރެއާލް ތައްޔާރުވަމުން އަންނައިރު އަގު ރެކޯޑް ފީއަށް އަރާނެ ކަމަށް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ވެސް ވަނީ ބުނެފައެވެ. ރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް މޮޅަށް ކުޅުނު ކޭންއާ ބެހޭ ގޮތުން ނޫސްވެރިން ބުނެފައިވަނީ 24 އަހަރުގެ ކުޅުންތެރިޔާ މިހާރު ހުރީ ވަރަށް ރަނގަޅު އުމުރެއްގައި ކަމަށާއި މިހެންވެ ކޭން އަށް ބިޑް ކުރުމަކީ ކުރިމަގުގައި ފައިދާހުރި ކަމެއް ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ރެއާލް އޮތީ ސްޕެނިޝް ލީގުގައި ވަރަށް ގޯސް ފޯމެއްގައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި މިރޭ ޕޮއިންޓެއް ލިބުނަސް މި ދެ ޓީމު ވެސް ދެ ވަނަ ބުރަށް ކޮލިފައިވާނެއެވެ.