ޚަބަރު

ރޮމޭނިޔާގެ އާ ސަފީރު، މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި


ރޮމޭނިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރާޑޫ އޮކްޓޭވިއަން ޑޮބްރޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރޮމޭނިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާ އެ ޤައުމުގެ ރައީސް ކްލައުސް ލޮހާނިސް އަށާއި އެ ޤައުމުގެ ބޮޑު ވަޒީރު މިހައި ޓުޑޯސްއަށް ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ރޮމޭނިއާގެ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ރޮމޭނިއާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރޮމޭނިއާގެ އާ ސަފީރާ ބައްދަލުވުމުން އުފާވެރިކަން ފާޅުކުރައްވާ ކުރިއަށް އޮތްތާނގައި ދެ ޤައުމު ގުޅިގެން ތަރައްޤީއަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މި ބައްދަލްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދީ އީޖާދުތަކަށް ޝައުޤުވެރިކަން ފާޅުކުރައްވައި ރޮމޭނިއާގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރޮމޭނިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއާއި ރޮމޭނިއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމުން ފަޚުރުވެރިވާކަމަށް ވިދާޅުވެ، ކުރިއަށް އޮތްތާނގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާއި ރޮމޭނިއާ އާދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރެވިފައި ވަނީ 1 ނޮވެންބަރު 1979 ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.