ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖަށް ކިޔާނެ ދިވެހި ނަމެއް ހޯދަން ދިވެހި ބަހުގެ އެކެޑަމީ ހުޅުވާލައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ ބްރިޖަށް ކިޔާނެ ނަން ހުށައެޅުމުގައި 4 ކަމަކަށް ސާމާލުކަން ދޭންޖެހޭނެކަމަށެވެ. މިގޮތުން އެ ނަމަކީ ދިވެހި ރާއްޖެއާއި ސީނުކަރަ ރަމްޒުކޮށްދޭ ނަމަކަށްވާންޖެހޭނެކަމަށެވެ. އަދި އެ ނަމަކީ ދުލަށް ފަސޭހަ ނަމަކަށްވުމާއި ގިނަވަގެން ނުވަ އަކުރަށްވުރެ ދިގު ނޫންނަމަކަށް ވާންޖެހޭނެކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ. މީގެ އިތުރުން ބްރިޖަށް ކިޔުމަށް ހުށައަޅާނަމަކީ ރަނގަޅު މާނައެއް ދޭހަވާ ނަމަކަށްވާންޖެހޭނެކަމަށްވެސް ދިވެހި ބަހުގެ އެކެޑެމީން ބުނެއެވެ.
ބްރިޖަށް ކިޔާނެ ދިވެހި ނަމެއް ހުށައެޅުމުގެ ފުރުސަތު މިމަހުގެ ސޯޅަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށާއި ކޮންމެ ބައިވެރިޔަކަށްވެސް ގިނަ ވެގެން ތިން ނަން ހުށައެޅޭނެކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.
ހުޅުލެއާއި މާލެ އާއި ދެމެދު އަޅާ ބްރިޖަށް ކިޔާނެ އެންމެ ރީތި ނަމެއް ހުށައަޅާ ފަރާތަކަށް ޚާއްސަ އިނާމާއި ޝަރަފުގެ ފިލައެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ. ނަން ހުށައަޅަންޖެހޭނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށްކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.