ޓޮބެކޯސިޒޭޝަން ނުވަތަ ދުންފަހުގެ އިސްތިޢުމާލްކުރުން ހުއްޓުވުމަށް އެހީތެރިވެދިނުމަށް ޤާއިމްކޮށްފައިވާ ކްލިނިކުން ފަރުވާހޯދައިގެން ދުންފަތުގެ އިސްތިއުމާލްކުރުން ހުއްޓާލާފައިވާ މީހުންގެ ޢަދަދު ދެހާސް ފަނަރަ އަދި ސޯޅަވަނަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ތިންސަތޭކަ ސާޅީސް ދޭއް އިންސައްތަ އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
ޓޮބޭކޯ ސިޒޭޝަން ކްލިނިކް ރާއްޖޭގައި ޤާއިމްކޮށްފައިވަނީ ދެހާސް ފަނަރަވަނަ އަހަރު މާލޭގައި ހުންނަ ދަމަނަވެށި ކްލިނިކުގައެވެ. ދުންފަތުގެ އިސްތިއުމާލްކުރުމުގެ މައްސަލައަކީ މުޅިދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ދުނިޔޭގެ ނިސްބަތުން އާބާދީ ކުޑަ މި ރާއްޖެއަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާދަނީ ކުރިމަތިވަމުންނެވެ. މީގެ ތެރޭގައި ސިއްޙީ މައްސަލަތަކާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހިމެނެއެވެ. މިކަމަށް ހައްލުހޯދުމުގެ ގޮތުން ރާއްޖޭގެ ސަރުކާރުންދަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނެއް އެކުލަވާލައި އޭގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 2015ވަނަ އަހަރު ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެއާދަ ހުއްޓުވުމަށް އެހީތެރިވެދިނުމަށް ޚާއްސަ ކްލިނިކެއް ޤާއިމްކޮށްފައެވެ. ޓޮބެކޯސިޒޭޝަން ކްލިކެއް މާލޭގައި ޤާއިމްކުރުމުން، ފުރަތަމަ ދެއަހަރު މިކްލިނިކުން ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ޢަދަދާއި މިހާރު މިތަނުން ޚިދުމަތް ހޯދަމުންދާ، ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ މީހުންގެ ޢަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
މިގޮތުން 2015ވަނަ އަހަރު ސިޒޭޝަން ކްލިނިކުން ޚިދުމަތް ހޯދާފައިވަނީ 21 މީހުންނެވެ. މީގެ ތެރެއިން 3 މީހުން ސިނގިރޭޓު ބުއިން ހުއްޓާލާފައިވެއެވެ. 2016ވަނަ އަހަރު މިކްލިނިކުން 24 މީހުން ޚިދުމަތްހޯދާފައިވާއިރު، މީގެ ތެރެއިން 7 މީހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައެވެ. 2017ވަނަ އަހަރުގެ މިހާތަނަށް ބަލާއިރު މިޢަދަދު ވަނީ 342 އިންސައްތަ އިތުރުވެފައެވެ. މިއަހަރު މިހާތަނަށް ޓޮބެކޯ ސިޒޭޝަން ކްލިނިކުން ޚިދުމަތްހޯދި 121 މީހުންގެ ތެރެއިން 31 މީހުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައެވެ.
ކުއްލިގޮތަކަށް މިފަދަ ބޮޑު ބަދަލެއް ފެނުމުގެ ފަހަތުގައި ސަރުކާރުން ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ ޢަދަދު މަދުކުރުމަށް ޤާނޫނުގެ ދަށުން ކުރަމުންދާ މަސައްކަތް ބޮޑު ރޯލެއް އަދާކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ޙަސަން މުހައްމަދު ވިދާޅުވިއެވެ.
"އެއީ އެއްކަމަމަށް ދުންފަތް ކޮންޓްރޯލްކުރުމުގެ، ނުވަތަ ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ދެކެވޭލެއް އިތުރުވެއްޖެ. ހެލްތް ދާއިރާގެ އިތުރުންވެސް އެހެން ފަރާތްތަކުންވެސް މިވާހަކަ ވަރަށް އެބަދައްކާ. އޭގެ އިތުރުން މިއަހަރު ސަރުކާރުން ދުންފަތުގެ ޓެކްސް ވަރަށް ބޮޑުކޮށްލައިފި. ޓެކްސް ބޮޑުކޮށްލީމަ ވާގޮތަކީ ކުއްލިއަކަށް އޭގެ އަގު 45އާއި 50 އަށް ހުރި ސިނގިރޭޓު ފޮށި މިހާރު 75އާއި 80 ރުފިޔާއަށް މިލިބެނީ. އެހެންވި މިއީ އެންމެ އަވަހަށް ދުންފަތް ކޮންޓްރޯލްކުރުމަށް އޭގެ ފައިދާކުރާނެ އެއްފިޔަވަޅު. އޭގެ އިސްތިއުމާލްކުރާ މީހުން ހަމަ ފުރަތަމައިގައިވެސް ދެވަނަ ވިސްނުމަކަށް ދާނެ އަގުބޮޑުވީމަ. އެވަގުތު ސިޒޭޝަން ސާރވިސް ނުވަތަ ހުއްޓާލަން ބޭނުންވާ މީހުންނަށް ލިބެންވާ ހިދުމަތް ލިބުނީމަ މިއީ އައި އެއްބަދަލަކީ." ހަސަން މުހައްމަދު ވިދާޅުވިއެވެ.
ޙަސަން މުހައްމަދު ވިދާޅުވީ ގިނަ ޢަދަދެއްގެ މީހުން ދުންފަތާ ދުރުވުމަށް މަސައްކަތްކުރުމަށް މަޤުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލް/ކްލިނިކްތަކަށް ސެޒޭޝަން ޓޫލް ކިޓް ފޯރުކޮށްދިންކަމަށެވެ. މިކިޓްތަކަކީ ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ ޓޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ގައިޑްލައިންތަކެއް އެކުލެވޭ ކިޓްތަކެއްކަމަށެވެ.
މީގެ އިތުރުންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމައް އާންމުންގެ ހޭލުންތެރިކަން އިތުރުވުމަކީވެސް މިކަން ހުއްޓުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ އިތުރު ހިތްވަރެއްކަމަށް ހަސަން މުހައްމަދު ފާހަގަކުރެއްވިއެވެ. ހަސަން މުޙައްމަދު ވިދާޅުވީ ސިޒޭޝަން ކްލިނިކް ހުންނަނީ ހަމައެކަނި ދަމަނަވެއްޓަކު ނޫންކަމަށާ، މިހާރު އޭޑީކޭގައިވެސް މިޚިދުމަތް ފަށައިގެން ކުރިޔަށް އެބަދާކަމަށެވެ. އަދި އޭގެ އިތުރުން ވަރަށް އަވަހަށް ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައި.ޖީ.އެމް.އެޗްގައިވެސް މިޚިދުމަތް ފެށޭނެކަމަށެވެ.
ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް އެހީތެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެމަކީ އެދޭ ހުރިހާ ފަރާތްތަކަށް އަވަސް ޚިދުމަތެއް ނުދެވުންކަމަށް ހަސަން މުހައްމަދު ވިދާޅުވިއެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށްޓަކާ މިދާއިރާގައި މަސައްކަތްކުރުމަށް އިތުރު މީހުންނަށް ތަމްރީން ދިނުމާ، ޓޮބޭކޯ ކުއިޓް ލައިނެއް ތައަރަފްކުރުމާ، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކޮށް އަގުބޮޑުކުރުން މުހިންމުކަމަށް ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ވިދާޅިއެވެ.