ރިޕޯޓް

ޢިލްމުވެރިންނަކީ އަޅުގަނޑު ވަރަށް އިޙްތިރާމްކުރާ ބައެއް- ރައީސް


ދީނީ ޢިލްމުވެރިންނަކީ އެމަނިކުފާނު ވަރަށް އިހްތިރާމްކުރައްވާ ބައެއްކަމަށާއި، ޕީޕީއެމްގެ އެއްވެސް މީހަކު ދީނީ ޢިލްމުވެރިންނަށް ކުޑައިމީސް ބަހެއް ނުބުނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުއްދުއްފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީީ ދީނީ ޢިލްމުވެރިންނާމެދު އެމަނިކުފާނުގެ ސިޔާސަތު ހާމަކޮށްދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ދީނީ ޢިލްމުވެރިންނަކީ އެމަނިކުފާނު ވަރަށް އިހްތިރާމްކުރައްވާ ބައެއްކަމަށެވެ. އަދި ޕީޕީއެމަކީވެސް ދީނީ ޢުލްމުވެރިންނަށް އިޙްތިރާމްކުރާ ޕާޓީއެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ މަހުގެ އެއްތިރީސްވަނަ ދުވަހު ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ދީނީ ޢިލްމުވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ މުރާދު އިތުރަށް ތަފްސީލްކޮށްދެއްވަމުންނެވެ. 

ޕީޕީއެމްގެ "މާފަންނު ފިޔާތޮށި ޖަގަހަ" ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގެ ދައުރުގެ ފަހު ދުވަސްވަރު ރައްޔިތުން ގޮވަމުންދިޔައީ ބަދަލަކަށްކަމަށާއި، ވަރަށް ޢިލްމުވެރި ބޭފުޅުން ވާރެއާއި އަވީގައި ކުރެއްވި ދުޢާ އަކީ އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި އަދި އިސްލާމީ އަޤީދާ ދެމެހެއްޓުމަށްޓަކައި މުޙަންމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގަންނެވުން ކަމަށެވެ. އިލްމުވެރިންގެ އެ ދުޢާއަކީ ވަރަށް އަސަރުގަދަ ތަޤްރީރުތަކެއް ކަމަށާއި، މި ކުޑަ ޤައުމަކީ އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ތަނަކަށްވާތީ އެމީހުންގެ ހިތުގެ އެންމެ ހިމަ ނާރުތަކާ އެ ދުޢާތައް ކުޅެލިކަމަށް ރައީސް ސިފަކުރެއްވި. 

އެއިރުވެސް ނަޝީދަކީ ކޮންކަހަލަ ފިކުރެއްގެ އަދި ދީނީ ކަންކަމަށް ކިހާ ސަމާލުކަންދޭ މީހެއްކަން ދެނެވަޑައިގަންވާ މީހުން މަދެއް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިކަންކަން މިއަދު ހަނދާނަށް ގެންނަންޖެހޭކަމަށާ މިފަދަ ވަސްވާހުގައި ޖެހިގެން ރައީސް ނަޝީދު އިންތިޚާބު ކުރުމުން އެންމެ ފުރަތަމަވެސް ދައުވުވަތު ދީގެން ގެނައީ ރައީސް މައުމޫންގެ ޒަޢާމަތުގައި ނަޞާރާ ދީން ރާއްޖޭގައި ފެތުރުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ޑީޕޯޓްކޮށްލި ހަ ބިދޭސީއަކުމަށެވެ.

މި ވާހަކަތަށް އިތުރަށް ތަފްސީލްކޮށްދެއްވައި ކުޅުއްދުއްފުށީގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފާޑުވިދާޅުވަނީ ޢިލްމުވެރިންނަށް ނޫންކަމަށާއި، ފާޑުވިދާޅުވަނީ ކަންކަމުގެ ނަތީޖާއާ ދޭތެރޭ ވިސްނާނުލާ ކުރެވޭކަމަކުން ކުރެވޭ ހިތި ތަޖުރިބާތަކާ ވޭންތައް ހާމަކުރެއްވުމުގެގޮތުންކަމަށެވެ. 

މުޅި ދައުލަތް ހިންގުމާއި މުޅި ދައުލަތުގެ އަމާނާތާއި ވަލީ، ޙަވާލުކުރާ މީހެއް އިޚްތިޔާރުކުރުމުގައި ޢިލްމުވެރިން ފާޑުވިދާޅުވާނަމަ ކަންކަން ރަނގަޅަށް ދިރާސާކުރައްވާ، ހަޤީޤަތް ރަނގަޅަށް ދެނެވަޑައިގަންނަވަންޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" ޢިލްމީ ބޭފުޅުންގެ ޢިލްމަކަށް ނުވަތަ ޢިލްމީ ބޭފުޅުންގެ ވިސްނުންފުޅަކަށް އައެއްވެސް ކުޑައިމީސްބަހެއް ދަންނަވާކަށް ނެތިން. އެއަށްވުރެން މާ އިޙްތިރަމްކުރާ ބައެއް އެއީ. އަޅުގަނޑު ޕާޓީގެ އެއްވެސް ބޭފުޅަކު ޢިލްމުވެރިންނަކަށް ފާޑެއް ވިދާޅެއްނުވާނެ. އަޅުގަނޑުމެން މި ފާޑުކިޔަނީ ޢިލްމުވެރިންނަކަށްނޫން. އަޅުގަނޑުމެން މި ފާޑުކިޔަނީ ކަންކަމުގެ ނަތީޖާއާ ދޭތެރޭ ވިސްނާނުލާ ކުރެވޭކަމަކުން މި ބައްދަލްކުރާ ހިތި ތަޖުރިބާތަކާ ވޭންތަކާ އެކަންކަމަށް އަޅުގަނޑުމެން މި ފާޑުދަންނަވަނީ.  އެހންވީމަ މިރެއިން ފެށިގެން އަޅުގަނޑު ވަސިއްޔަތްކުރަން ދަންނަވަން އަދި ނަސޭހަތްތެރިވަން އަޅުގަނޑުމެން ޕާޓިގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ވާހަކައިގެ މުރާދު ބިނާކުރާނީ މިދެންނެވި ގޮތަށް. އަޅުގަނޑުމެން އިހްތިރާމްކުރާ ބޭފުޅުން ޢިލްމުވެރިންނަކީ. ޢިލްމުވެރިންނަށް ފާޑުކީއަކީ އަޅުގަނޑުމެންގެ ސަރުކާރަކުން ނޫން. " ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ނަޝީދުވަނީ އިސްލާމްދީނުގެ ޙުކުމްތަކާއި ޚިލާފަށް ވާހަކަފުޅުދައްކަވައި، އިސްލާމްދީނަށް ނިކަމެތިކަންލިބޭ އެތައްކަމެއް ކުރައްވާފައިކަމަށް ވަރަށްގޮނަ ދީނީ ޢިލްމުވެރިން ވަނީ ކުރިން ވިދާޅުވެފައެވެ. "ރައީސް ނަޝީދާ މެދު ދީނީ އިލްމުވެރިންގެ ބަސް" މިނަމުގައި ރާއްޖޭގެ ވަރަށްގިނަ ދީނީ ޢިލްމުވެރިން ގުޅިގެން ފޮތެއްވެސް ނެރެފައިވެއެވެ. އެފޮތުގައި އިސްލާމް ދީނުގެ ހުކުމްތަކާ ދެކޮޅަށް ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ވަރަށް ތަފްސީލްކޮށް ހާމަކުރައްވައި، ނަޝީދު ތައުބާވުމަށް ގޮވާލައްވާފައެވެ. 

ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން 64 އިލްމުވެރިއެއްގެ ބަސް ހިމެނޭ ގޮތަށް ޝާއިއުކޮށްފައިވާ އެ ފޮތުގައި ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރު އިސްލާމްދީނުގެ ހުކުމްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ބަސްފުޅުތަކާ ޚިލާފަށް ކުރައްވަމުން ގެންދެވި ކަންކަމުގެ ވާހަކަތައް ވަރަށް ތަފުސީލްކޮށް ލިޔެފައިވެއެވެ. 

މި ފޮތުގައި ފާހަގަކޮށްފައި ހުރި ބައެއްކަންކަމުގެ ތެރޭގައި އައްޑޫ ސީޓީގައި ބުދު ބެހެއްޓި މައްސަލައާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، ﷲ ހަރާމްކުރައްވާފައިވާ ބަނގުރާއާއި މަސްތުވާތަކެތި ބޮވެންޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ނަޝީދު ދެއްކެވި ވާހަކަފުޅުތައް ހިމެނެއެވެ. އަދި ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގުވައްޓާލައްވައި ކީރިތިރަސޫލާގެ ސުންނަތަށް ފާޑުވިދާޅުވެ ޑެންމާކްގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި އިސްލާމީ އުއްމަތްތާ ޢަދާވާތްތެރި ޒަޔޮނިސްޓް އިސްރާއީލުގެ ދައުލަތާ ގުޅުން ބަދަހިކުރެއްވި ކުރެއްވި މައްސަލަ ފާހަގަކޮށްފައިވެއެވެ. 

ސަރުކާރުން ރާއްޖެ ގެނައި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ އިސްލާމްދީނަށް ފުރައްސާރަކޮށް 2011 ވަނަ އަހަރު ވާހަކަދެއްކި މައްސަލަ ރައީސް ނަޝީދު ކުށްވެރިކުރެއްވުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދެއްވާފައިވާ ކަމަށްވެސް ދީނީ ޢިލްމުވެރިން އޭރު ވިދާޅުވެފައިވެއެވެ.