ޚަބަރު

ތަރައްޤީގެ ތަސައްވަރު ބޭރު ދުނިޔެއަށް ހާމަކުރުމަށް ވޯކްޝޮޕްތަކެއް


ޤައުމު ބިނާކޮށް ތަރައްޤީކުރުމުގައި ރާއްޖެއިން ހޯދުމުންދާ ކުރިއެރުން ބޭރުގެ ފަރާތްތަކަށް އަންގައިދިނުމުގެ މަޤްޞަދުގައި އިތުރު ސިލްސިލާ ވޯކްޝޮޕްތަކެއް ކުރިޔަށް އޮތްތަނުގައި ފެނިގެންދާނެކަމަށް ފޮރިން ސެކެޓްރީ އަޙުމަދު ސަރީރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި، ފޮރިން ސެކްރެޓަރީ ވިދާޅުވީ، ތިން ދުވަހުގެ މުއްދަތައް ރާއްޖޭގައި ބޭއްވި "ޑިވެލޮޕިން ސަސްޓެއިނަބްލީ  ޝެއަރިން އެކްސްޕީރިއަންސަސް، ސީކިންގް ސޮލިއުޝަންސް" ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ނިއު ޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންކަމަށެވެ.

މިވޯކްޝޮޕްގެ މައިގަޑު މަޤްޞަދަކީ ރާއްޖޭގެ އެކިއެކި ދާއިރާތަކުން ދެމެހެއްޓެނެވި އުސޫލްތަކެއްގެ މަތިން ހޯދަމުންދާ ކުރިއެރުންތައް ބޭރުގެ ފަރާތްތަކަށް އަންގައިދިނުންކަމަށް ސަރީރު ވިދާޅުވިއެވެ. އަދި އެހެން ޤައުމުތަކުންވެސް ހޯދަމުންދާ ތަރައްޤީގެ ކާމިޔާބީތަކާ ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ސަރީރު ވިދާޅުވިއެވެ.

"މި ޕްރޮގްރާމަކީ ރާއްޖޭގެ ތަރައްޤީގެ މަރުހަލާ ދައްކާލުމުގެ ގޮތުން ޚާއްސަކޮށްފައި އޮތް ޕްރޮގްރާމެއް. އެއީ ތިން ދުވަހުގެ ދަތުރެއް. މިދަތުރުގައި އަޅުގަނޑުމެން ދައްކައިދިނީ ރާއްޖޭގެ ސަރުކާރުން މިކުރައްވާ މަސައްކަތްތަކާ، ރާއްޖޭގެ ތަރައްޤީގެ މަގުގައި ޚާއްސަގޮތެއްގައި ޓުއަރިޒަމްއާ ފިޝަރީޒްގެ ދާއިރާއިން އަޅުގަނޑުމެން ކުރިމަގު ބައްޓަންކުރާ ގޮތާ. ދެން މީގަ ބޮޑަށް އަޅުގަނޑުމެން ދައްކައިދެނީ ޔޫއެންގައި މިހާރު ފާސްކޮށްފައި އޮންނަ 2030 އެޖެންޑާ އެއީ ދެމެހެއްޓެނިވި ތަރައްޤީގެ ކަންތައްތައް ބައްޓަންކުރާ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ބޭރުގެ ފަރާތްތަކަށް ދައްކައިދޭން" ސަރީރު ވިދާޅުވިއެވެ.ފޮރިން ސެކްރެޓަރީ ވިދާޅުވީ، މި ވޯކްޝޮޕް ވަރަށް ކާމިޔާބުކަމަށާ، މީގެ ސިލްސިލާ ވޯކްޝޮޕްތައް ބޭއްވުމަށް މިނިސްޓްރީއިން ނިންމަވާފައިވާކަމަށެވެ. އަދި މިފަހަރުގެ ވޯކްޝޮޕްގައި އެންބެޒެޑަރުންނަށް ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ގޮތުން ފިލްޑް ޓްރިޕްތަކެއް ކުރިޔަށް ގެންދިޔަކަމަށް ސަރީރު ވިދާޅުވިއެވެ.

މި މަހުގެ ދިއަހަކުން ތޭރައަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ކުރިއަށްދިޔަ މިވޯކްޝޮޕްގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމާ މަސްވެރިކަމުގެ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތައް ބައިވެރިންނަށް ދައްކާލާފައިވެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއުރާއާ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ދައްކައިދިނުމަށް ފީލްޑް ޓްރިޕްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އަންނަ އަހަރު ކުރީކޮޅުވެސް މިފަދަ އިތުރު ވޯކްޝޮޕެއް ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށް ފޮރިން ސެކެޓްރީ ވިދާޅުވިއެވެ.