ދުނިޔެ

އެމެރިކާ އާއި ފަލަސްތީނާ ދެމެދު އޮންނަ ގުޅުން މެދުކަނޑާލަނީ


އެމެރިކާގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީސް ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އެމެރިކާއާއެކު ބާއްވާ ގުޅުންތައް މެދުކަނޑާލުމަށް ފަލަސްތީނުން ނިންމައިފިއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނެރުއްވި ބަޔާނެއްގައި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް އަމުރުކުރައްވާފައިވަނީ ފަލަސްތީނުން އެމެރިކާއާ ބާއްވާ ގުޅުންތައް ވަގުތުން ކަނޑާލުމަށެވެ. އެމެރިކާގައި ހުންނަ ޕަލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފީސް އެމެރިކާގެ ޚާރިޖީވުޒާރާއިން ބަންދުކުރީ އެ އޮފީހުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ހުއްދަ އައު ނުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުންނެވެ.

މިކަމުގެ ސަބަބުން ފަލަސްތީނާ މުއާމަލާތް ކުރުމުގެ ފުރުޞަތު އެމެރިކާއަށް ވަނީ ގެއްލިފައެވެ.މިއީ އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި އިތުރަށް ހީނަރު ވެގެންދާނެކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާގައި ހުންނަ ފަލަސްތީނު އޮފީހުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ޓްރަމްޕް އައުކޮށް ނުދެއްވީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅަން ފަލަސްތީނުން މަސައްކަތްކުރާތީ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެެވެ.