ރިޕޯޓް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި 27.9  ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ބަޖެޓު ފާސްވީ ވޯޓުގައި ބައިވެރިވި 39 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ގެންނެވި އެންމެ އިސްލާހަކާއެކު މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށައެޅުއްވީ ބަޖެޓް ކޮމިޓީގެ މުޤައްރިރު، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކެވެ. ކޮމިޓީގެ ރިޕޯޓް ހުށައަޅުއްވަމުން ނިހާން ވިދާޅުވީ، ދައުލަތުން ހުށައެޅުއްވި ބަޖެޓަށް މަޢުލޫމާތު އެއްކުރި ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކުން ތާޢީދުކޮށްފައިވާކަމަށެވެ. އަދި މުއައްސަސާތަކަށް ބަޖެޓްގެ ދަތިކަން އޮތްނަމަ އެކަން ފިނޭންސް މިނިސްޓްރީގެ ޚާއްޞަ ބަޖެޓުން ހައްލުކޮށްދެއްވާނެކަަމަށް ނިހާން ވިދާޅުވިއެވެ.ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ވަގުތެއް ރިޔާސަތުން އެރުވިއެވެ. ބަޖެޓް ރިޕޯޓަށް ބަހުސްކުރެއްވި މެންބަރުން ވަނީ މިބަޖެޓަކީ އުއްމީދީ އަދި އިޤްތިޞާދަށް ހެޔޮ ބަދަލެއް އަންނަނާނެ ބަޖެޓެއްކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ ހަތަރު އަހަރެކޭ އެގޮތަށް ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެތެރޭގައިވެސް ފެންނާނެކަން މެންބަރުން ފާހަގަކުރެއްވިއެވެ.ބަޖެޓް ފާސްކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެއެވެ. ބަޖެޓް ފާސްކޮށްފައި ވަނީ ކޮމިޓީން ގެންނެވި އިޞްލާހާއެކުއެވެ. އެއީ ޕީއެސްއައިޕީގެ އެއް މަޝްރޫއަށް ގެންނެވި ބަދަލެވެ.

ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން ބަދަލު ގެނެސްފައިވަނީ ކާށިދޫގައި ޖަލެއް އެޅުމަށް ހުށައަޅާފައިވާ ހުށައެޅުމަށެވެ. ތިން ސަތޭކަ މީހުންގެ މި ޖަލު އެޅުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުކޮށްފައިވަނީ ކ.ހުރާގެ ބިން ހިއްކުމަށެވެ.

ބަޖެޓް ފާސްކޮށްފައިވާއިރު ބަޖެޓްގައި ވަނީ ތިން ރިކޮމެންޑޭޝަނެއް ހިމަނާފައެވެ. އެއީ އެމްޑަބްލިއުއެސްސީ އާއި ދިރާގުގެ ސަތޭކަ ޕަސެންޓް ހިއްސާ ދިވެހި ސަރުކާރަށް ގަތުމާއި، މިނިވަން މުވައްސަސާތަކަށް ބަޖެޓުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ހަމަޖައްސާދިނުމާއި ޕީއެސްއައިޕީގެ މަޝްރޫޢުތައް ދިނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ދިވެހި ކުންފުނިތަކަށް އިސްކަންދިނުމެވެ.