ޢަރަބި ދުނިޔޭގައި މިހާރު އެންމެ ހިނގާ އެއް ނަމަކީ ސަޢޫދީ އަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިންސަލްމާން އޭ ބުނުމުން އެކަމާ ދެކޮޅުހަދާނެ ފަރާތެއް ހަމަ ޤައިމުވެސް މަދުވާނެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމެވި ނިންމުންތަކެއްގެ ސަބަބުން ޢަރަބިދުނިޔޭގެ މަސރަޙް އެންމެ ގާތުން ދިރާސާކުރައްވާ ފަރާތްތައްވެސް ތިބެނީ މުޙައްމަދު ބިން ސަލްމާންގެ ޙަރަކާތްތަކަށް އަބަދުމެ ބަލަބަލައެވެ.
2015 ވަނަ އަހަރު ސަޢޫދީ ޢަރަބިއާގެ ރަސްކަމަށް ސަލްމާން ބިން ޢަބްދުލްޢަޒީޒް އިސްކުރެވުނުއިރު، އެމަނިކުފާނުގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާނަކީ ކޮންބޭފުޅެއްކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ.
1985 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވި މުޙައްމަދު ބިން ސަލްމާން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ ސަޢޫދީގެ ޑިފެންސް މިނިސްޓަރުކަމަށް 2015 ވަނަ އަހަރު ޢައްޔަނުކުރެއްވުނު ހިސާބުންނެވެ. ޢުމުރުފުޅުން 29 އަހަރުގައި އެ މަޤާމަށް ޢައްޔަނުކުރެއްވުމުން، މުޙައްމަދު ވެވަޑައިގަތީ ޤައުމެއްގެ ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަނުކުރެވުނު ޢުމުރުފުޅުން އެންމެ ހަގު ބޭފުޅާއަށެވެ.
img:http://s1.psmnews.mv/images/660x400/15118755870896.jpg|ސަޢޫދީގެ ވަލީ ޢަހްދު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު
މުޙައްމަދު ބިން ސަލްމާން ސަޢޫދީ ޢަރަބިއްޔާގެ ކިންގް ފަހުދު ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ޑިގްރީ ޙާޞިލްކުރެއްވީ އެޔުނިވަރސިޓީގެ އެންމެ މޮޅު އެއް ދަރިވަރުގެ ގޮތުގައެވެ. އިތުރަށް ކިޔަވާވިދާޅުވާން ޤައުމުން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވިނަމަވެސް އޭރު ރިޔާޟުގެ ގަވަރުނަރުގެ މަޤާމުގައި ހުންނެވި ބައްޕާފުޅުގެ ސަލްމާންގެ އެދިވަޑައިގަތުމަށް މުޙައްމަދު ނިންމެވީ، ޤައުމަށް ޚިދުމަތް ކުރެއްވުމަށެވެ.
ސަރުކާރުގެ މަސައްކަތުގައި ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު، ސަރުކާރުގެ މަސައްކަތާ ދުރަށް ވަޑައިގަތީ އެމަނިކުފާނަށް ޕްރޮމޯޝަން ދެއްވުމަށް އޭރު ރަސްކަމުގައި އިންނެވި ޢަބްދުﷲ ރަސްގެފާނު ދެކޮޅުހެއްދެވުމުންނެވެ.
img:http://s2.psmnews.mv/images/660x400/15118756338200.jpg|/ ސަޢޫދީއާ މެދު ޤައުމުތަކުން ދެކޭގޮތް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަޢޫދީގެ ވަލީ ޢަހްދު، މުޙައްމަދު ބިން ސަލްމާން ގެންދަވަނީ ކުރައްވަމުން
އެއަށްފަހު ސަލްމާން މަސައްކަތްކުރަން ފެއްޓެވީ ރިޔާޟުގެ ގަވަރުނަރަކަށް ހުންނެވި ބައްޕާފުޅު ސަލްމާން އަރިހުގައެވެ. އެ މަސައްކަތުގައިވެސް މާގިނަ ދުވަހު ހުންނެވޭ ގޮތެއް ނުވިއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން މަސައްކަތްކުރައްވަން ފެށްޓެވުމުން، ބައްޕާފުޅު ސަލްމާން އަރިހުގައި މަސައްކަތްކުރައްވާ ބައެއް ދޮށީ ޢުމުރުގެ ބޭފުޅުން، މުޙައްމަދު އުޅުއްވަނީ ބާރު ހޯއްދެވުމަށްކަމަށް ތުހުމަތުކުރައްވައި، އޭނާއާ ބެހޭގޮތުން ޢަބްދުﷲ ރަސްގެފާނާ ހަމައަށް ޝަކުވާ އުފުއްލެވިއެވެ. އެއާއެކު 2011 ވަނަ އަހަރު ރިޔާޟުގެ ގަވަރުނަރުކަމުން ސަލްމާން ވަކިކުރައްވައި، ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް ސަލްމާން ޢައްޔަނުކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނު ދަރިކަލުން މުޙައްމަދު ޑިފެންސް މިނިސްޓްރީ ތެރެއަށް ވެދެވަޑައިގަތުން ޢަބްދުﷲ ރަސްގެފާނު މަނާކުރެއްވިއެވެ.
img:http://s1.psmnews.mv/images/660x400/15118757340568.jpg|މުހައްމަދު ބިން ސަލްމާން، ބައްޕާފުޅު ސަލްމާން ރަސްގެފާނު އަރިހުގައި
އެއަށްފަހު މުޙައްމަދު އުޅުއްވީ ބައްޕާފުޅު ސަލްމާންގެ ފައުންޑޭޝަންތައް ހިންގެވުމާއި ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގައެވެ.
މުޙައްމަދު ބިން ސަލްމާން އަލުން ސިޔާސީ މައިދާނުން ފެނިގެން ދިޔައީ، 2012 ވަނަ އަހަރު ބައްޕާފުޅު ސަލްމާން، ވަލީޢަހްދުގެ މަޤާމަށް ޢައްޔަނުކުރެއްވުމުންނެވެ. ވަލީ ޢަހްދުގެ މަޤާމަށް ސަލްމާން ޢައްޔަނުކުރެވުނުތާ 6 މަސް ފަހުން، ވަލީޢަހްދުގެ އޮފީހުގެ އެންމެ އިސް މަޤާމަށް މުޙައްމަދު ޢައްޔަނުކުރެވުނެވެ. އަދި މިފަހަރު އެމަނިކުފާނުގެ މަސައްކަތަށް އޭރު ރަސްކަމުގައި އިންނެވި ޢަބްދުﷲ ރަސްގެފާނު ތަޢުރީފުކުރައްވައި، ރަސްގެފާނުގެ ޚާއްޞަ މަސައްކަތްތައްވެސް ޙަވާލުކުރެއްވިއެވެ. އޭގެތެރެއިންވެސް ޑިފެންސް މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ. އެމަސައްކަތުގެ ތެރެއިން ސަޢޫދީއަށް ހަތިޔާރު ގަތުމުގައި ގެންގުޅޭ އުޞޫލުތައް ބަދަލުކުރައްވައި، ސަޢުދީން ކުރާ ހޭދައާ އެއްފެންވަރެއްގެ ހަތިޔާރު ހޯއްދެވުމުގެ އުޞޫލުތައް ޤާއިމްކުރެއްވިއެވެ.
img:http://s4.psmnews.mv/images/660x400/15118757924322.jpg|މުހައްމަދު ބިން ސަލްމާން އޭނާގެ ގަނޑުވަރުގައި / އޭނާއަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރައްވާ ބޭފުޅެއް
މުޙައްމަދު ސިފަކުރައްވާ ގޮތުގައި ޢަބްދުﷲ ރަސްގެފާނުގެ އެންމެފަހު ދުވަސްކޮޅު، އެ ދެބޭފުޅުންގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. އަދި ޢަބްދުﷲ ރަސްގެފާނުގެ އަރިހުގައި ހޭދަކުރާ ވަގުތު އިތުރުކުރައްވައި، ސަޢޫދީއަށް ޢިޤްތިޞާދީ އަދި އިޖްތިމާޢީ ބަދަލުތަކެއް ގެންނެވުމުގެ ވާހަކަތައް ދެކެވުނުކަމަށް މުޙައްމަދު ވިދާޅުވެފައިވެއެވެ.
2015 ވަނަ އަހަރު ޢަބްދުﷲ ރަސްގެފާނު އަވަހާރަވުމުން، މުޙައްމަދުގެ ބައްޕާފުޅު ސަލްމާން ސަޢޫދީގެ ރަސްކަމަށް އިސްކުރެވުނީ އެ އަހަރުގެ ޖެނުއަރީމަހު ތެރޭގައެވެ. ރަސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ސަލްމާން ރަސްގެފާނު އެންމެ ފުރަތަމަ ނިންމެވި މުހިއްމު ނިންމުންތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއާގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް ދަރިކަލުން މުޙައްމަދު ޢައްޔަންކުރެއްވުން ހިމެނެއެވެ. އެއަށްފަހު 2015 ވަނަ އަހަރު އޭޕްރީލްގައި ވަލީ ޢަހްދުގެ ނާއިބުގެ މަޤާމަށް މުޙައްމަދު ޢައްޔަނުކުރެވުނެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ވަލީ އަޙްދުގެ މަޤާމުގައި ހުންނެވި މުޙައްމަދު ބިން ނާއިފް ވަލީ ޢަޙްދުގެ މަޤާމުން ދުރުކޮށް، އެމަޤާމަށް މުޙައްމަދު ޢައްޔަނުކުރެވުނު ހިސާބުން، މުޅި ދުނިޔޭގެ ސަމާލުކަން މުޙައްމަދަށް ލިބިވަޑައިގަތެވެ. އަދި އޭނާއަކީ ކުރިއަށް އޮތްތަނުގައި ސަޢޫދީ ޢަރަބިއާގައި ރަސްކަންކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަން ފެށިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަޢޫދީގެ އެންމެ ނުފޫޒުގަދަ ބޭފުޅާ ވެވަޑައިގެންފައިވާ މުޙައްމަދު ބިން ސަލްމާން ފާހަގަކުރެވިފައިވަނީ ސަޢޫދީ އަރަބިއްޔާއަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއަށް ޒަމާނީ އިޞްލާޙީ ބޮޑެތި ބަދަލުތަކެއް ގެންނަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
img:http://s2.psmnews.mv/images/660x400/15118757073515.jpg|މުޙައްމަދު ބިން ސަލްމާން، ފޭސް ބުކްގެ ފައުންޑަރ މާކް ޒަކަބާގްއާއެކު / ޒަމާނީ ޓެކްނޮލޮޖީއަށް މުޙައްމަދު ބޮޑު އިސްކަމެއްދެއްވާ
ޒަމާނުއްސުރެ ތެލަށް ބަރޯސާވެފައިވާ ސަޢޫދީގެ އިޤްތިޞާދު ތެލަށް ބަރޯސާނުވާ އިޤްތިޞާދަށް ހެދުމަށް ވިޝަން 2030 ނަމުގައި މުޙައްމަދު ވަނީ ޚާއްޞަ ޕްލެއް އެކުލަވާލައިގެން މަސައްކަތް ފަށްޓަވާފައެވެ. މިޕްލޭންގެ ދަށުން ކުރިއަށް އޮތް ވިހި އަހަރުތެރޭގައި ސަޢޫދީގެ އިޤްތިޞާދަކީ ތެލަށް ބަރޯސާނުވާ އިޤްތިޞާދަށް ވެގެންދާނެއެވެ. މީގެ އިތުރުން މަސައްކަތު މަޙައުލުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ޒުވާނުންނަށް ވަޒީފާ އިތުރުކުރުމަށް މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ސަޢޫދީގެ އަންހެނުން ކާރުފަދަ ވެހިކަލްތައް ދުއްވުން މަނާކޮށްފައި އޮންނަ އޮތުން އަންނަ އަހަރުގެ ޖޫންމަހުން ފެށިގެން އުވާލުމަށް ސަލްމާން ރަސްގެފާނު ނިންމެވި ނިންމުމަކީވެސް މުޙައްމަދުގެ މަސައްކަތްޕުޅެއްކަމަށް ސަޢޫދީގެ ގިނަ ރައްޔިތުންވެސް ޤަބޫލުކުރެއެވެ. ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ނޮވެމްބަރުމަހު މުޙައްމަދު ފެށްޓެވި ކެމްޕެއިނަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކަމެކެވެ. ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓުވަން ފެށި މިކެމްޕެއިންގެ ތެރެއިން މިހާތަނަށް ޝާހީ ޢާއިލާގެ 11 ޕްރިންސަކާއި 4 ވަޒީރުންނާއި ބޮޑެތި ވިޔަފާރިވެރިންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މަޝްހޫރު ބިލިއަނަރ، ޕްރިންސް ވަލީދުވެސް ހިމެނޭ.
img:http://s1.psmnews.mv/images/660x400/15118758108262.jpg|ސަޢޫދީގެ ވަލީ ޢަޙްދު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު
ސަޢޫދީ ވަލީ އަޙްދު ނުވަތަ ދެން ރަސްކަމަށް ވަޑައިގަންނަވަން ހުންނެވި މުޙައްމަދު ބިން ސަލްމާންގެ މަސައްކަތްޕުޅުތަކާމެދު ސަޢޫދީގެ ދޮށި ޢުމުރުގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް، ސަޢޫދީގެ އާބާދީގެ 70 އިންސައްތަކަމަށްވާ ޒުވާނުންގެ ތާއީދު އޭނާއަށް އޮތްކަން ސޯޝަލް މީޑިއާއިން ހާމަވެއެވެ. މީގެ އިތުރުން ސަޢޫދީ ރަސްކަމަށް އަންނަ ބޭފުޅެއްގެ ޢުމުރު ޢާއްމުކޮށް 70 އަށްވުރެ މަތީގައި ހުންނައިރު، ޢުމުރުފުޅުން 32 އަހަރުގެ މުޙައްމަދު ބިން ސަލްމާންއަކީ ހަޤު ޢުމުރުފުޅެއްގައި އެމަޤާމަށްވަޑައިގެން، ސަޢުދީ އަރަބިއްޔާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނޭ ބޭފުޅެއްގެ ގޮތުގައި މިހާރުވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.