ކުޅިވަރު

އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހީނާ އެކަޑަމީ ހޯދައިފި


މައިލޯ އިންވިޓޭޝަނަލް ކަޕްގެ ޗެންޕިއަންކަން އާލީ ޓަޗް ފުޓްބޯލް އެކަޑަމީ ހޯދައިފިއެވެ.

 ހީނާ އަހުމަދު ސަލީމްގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ މުބާރާތުގެ ޗެންޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އިންޑިޔާގެ ޓިޕްސް އެފްސީއާއި ވާދަކޮށް ތިން ލަނޑު ސުން ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ސްރީލަންކާގެ ދެ އެކަޑަމީއަކާއި، އިންޑިޔާގެ ޓިޕްސް އެފްސީގެ އިތުރުން ރާއްޖޭގެ ހަތް އެކަޑަމީ ވާދަކުރި މިމުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ އަބްދުލް އައިމަން އަލީއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މާޒިޔާ އެކަޑަމީގެ ހުމެއިދު ހުސެން އަދި ކުލަބް އީގަލްސްގެ ޖަނާން މުސްތަފާއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ މުބާރާތުގައި ފަސް ގޯލް ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އިންޑިޔާ ޓިޕްސް އެފްސީގެ އަދިރިކް ކަމީޝް (މިޑްފީލްޑަރ)، އާލީ ޓަޗް އެކަޑަމީގެ އަހުނަފް މުހައްމަދު ދަސްނީމް (ޑިފެންޑަރ)، ޔޫސުފް ޔުނާން އާމިރު (ގޯލް ކީޕަރ) އަދި އަހުމަދު ތާއިފް ރިލްވާން (ފޯވާޑް)އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ސްރީލަންކާގެ މެންޗެސްޓާރ އެކަޑަމީގެ ރެޑް ހަސައްދުއްﷲ ހަސަންއެވެ.

img:http://s1.psmnews.mv/images/660x400/15118791810462.jpg|ފައިނަލް މެޗުގައި ލަނޑު ޖެހުމަށްފަހު ހީނާ އެކަޑަމީގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ އަހުމަދު ތާއިފް ރިލްވާންއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިމުބާރާތް އިންތިޒާމް ކޮށްފައިވަނީ ކުލަބް މޯލްޑިވްސް އާއި ހުޅުމާލޭ ސްޕޯޓްސް ސުކޫލް ގުޅިގެންނެވެ.