ހަ މަސްދުވަހުގެ ތެރޭގައި ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނައުމަށް ރައީސް ބައްޝާރުލް އަސަދަށް ފިއްތުންތައް ކުރިމަތިކުރުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ރަޝިޔާއަށް ގޮވާލައިފިއެވެ. ޖެނީވާގައި މިހާރު ކުރިއަށްގެންދާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ޖަމާއަތްތަކުގެ ވަފުދުގެ ވެރިޔާ ނަސްރުލްހަރީރީ ވިދާޅުވީ ބައްޝާރުލްއަސަދަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކުރެވޭނެ ގައުމަކީ ރަޝިޔާ ކަމަށާއި، ރަޝިޔާއިން ފިއްތުންތައް ކުރިމަތިނުކޮށް ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ނުގެނެވޭނެކަމަށެވެ.
އަނެއްކޮޅުން ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ ސޫރިޔާ ސަރުކާރުގެ ވަފުދު ބުދަ ދުވަހު ވަނީ ޖެނީވާއަށް ގޮސްފައެވެ. މި ވަފުދުގެ ވެރިއަކަށް ހުންނެވީ އދގައި ހުންނަވާ ސޫރިޔާގެ ދާއިމީ މަންދޫބު ބައްޝާރުލް ޖަޢުފަރީއެވެ. ސޫރިޔާގެ ވަފުދުގެ ބޭފުޅުން ޖެނީވާއަށް ވަޑައިގެންނެވިކަން އދން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ވަފުދު ޖެނީވާއަށް ގޮސްފައި މިވަނީ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ފެށިތާ އެއް ދުވަސް ފަހުންނެވެ. ޖެނީވާގައި ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ކުރިޔަށްދަނީ ނުސީދާ ވާހަކަތަކެކެވެ. މި ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އދންނެވެ. ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ހަތް ބުރު މިހާތަނަށް ބާއްވާފައިވާނަމަވެސް މި ވާހަކަތަކުން މާ ބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ.