އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓަށްފަހު އެޤައުމާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެމެރިކާއިން ގޮވާލައިފިއެވެ.
ބުދަ ދުވަހު އުތުރު ކޮރެއާއިން ޓެސްޓު ކުރި މިސައިލާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާއިން އެ ޖަމިއްޔާއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވީ އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި ޓެސްޓަކީ ސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް އެ ޤައުމުން ކުރިކަމެއް ކަމަށެވެ.
އެމެރިކާގެ ސަފީރު ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާއަށް ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އަރިހުން އެދިވަޑައިގެންފައި ކަމަށެވެ.
އެމެރިކާއިން އުތުރު ކޮރެއާއެކު ހަނގުރާމައެއް ކުރަން ބޭނުންނުވާ ނަމަވެސް ހަނގުރާމައެއް ކޮށްފިނަމަ އުތުރު ކޮރެއާ މުޅިން ނެތިގެންދާނެ ކަމަށް ހޭލީ ވިދާޅުވިއެވެ.
އެ ޤައުމުން ޓެސްޓުކޮށްފައިވަނީ މިހާތަނަށް އެ ޤައުމުން ޓެސްޓުކުރި އެންމެ ބާރުގަދަ މިސައިލު ކަމަށާއި މި މިސައިލަކީ އެމެރިކާގެ ކޮންމެ ސަރަޙައްދަކަށްވެސް ޙަމަލާދިނުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ މިސައިލު ކަމަށް އުތުރު ކޮރެއާއިން ދަޢުވާކުރެއެވެ.