ކުޅިވަރު

ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗު ޕޮލިސް ކާމިޔާބުކޮށްފި


ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗު ޕޮލިސް ކްލަބް ކާމިޔާބުކޮށްފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ފެށި ސީ ލައިފް ގްލޯބަލް ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗު ޕޮލިސް ކްލަބް ކާމިޔާބުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ވަރަށް ވާދަވެރިކޮސް ދިޔަ ފުރަތަމަ ދެ ސެޓް ޕޮލިސް ކްލަބް ގެންދިޔައީ 26-24 އަދި 30-28 ނެވެ. ފަހު ސެޓްގައި މާޒިޔާ ފެނުނީ ދަށްކޮށެވެ. ސެޓް ފަށައިގެން ފުރަތަމަ ހަ ޕޮއިންޓާ ހަމައަށް ހަމަހަމަކޮށް ދިޔަ ނަމަވެސް ޕޮލިހުން ލީޑް ފުޅާކުރަމުން ގޮސް ސެޓް ނިންމީ 25-15 ނެވެ. މެޗުގައި ޕޮލިސް ކްލަބް ލީޑް ކުރީ އިންޑިޔާގެ ދެ ކުޅުންތެރިންނެވެ. އޭގެ އިތުރުން ތަކުރިބާކާރު ކުޅުންތެރިންކަމަށްވާ އަލީ މައުރޫފާއި، އަޝްފާޤު އާދަމް އަދި ކުރިން ޤައުމީ ޓީމަށް ކުޅުނު ސެޓަރު ހަމީދުގެ ކުޅުން މާޒިޔާއިން ފާހަގަކުރެވުނެވެ. ޚާއްޞަކޮށް ތިންވަނަ ސެޓް ތަފާތުބޮޑުކޮށް ޕޮލިސް ކާމިޔާބުކުރި އިރު ސެޓަރު ހަމިއްޓެގެ ކުޅުން ފާހަގަވިއެވެ.

މާޒިޔާ މެޗުގައި ކުޅުނީ ސްރީލަންކާގެ ދެކުޅުންތެރިންނަށް ބަރޯސާވެގެންނެވެ. އޭގެ އިތުރުން ޓީމްގައި ހިމެނުނީ 19 އަހަރުން ދަށުގެ ޓީމްގެ ކުޅުންތެރިންތަކެކެވެ. މެޗަށްފަހު މާޒިޔާގެ ކޯޗު އަލީ އަޝްރަފް އެންމެ ބޮޑަށް ފާހަގަކުރީވެސް ޓީމްގެ ކުޅުންތެރިންގެ ތަޖުރިބާ މަދުވުމާއި، ޒުވާންކަމެވެ. 

" ޓީމްގައި މިތިބީ ވަރަށް ޒުވާނހް ކުޅުންތެރިން. އެކުޅުންތެރިން ކުޅުމާއި ހިތްވަރުވެސް ރަނގަޅު. ކުރިއަށްހުރި މެޗުތަކުގައި މިއަށްވުރެވެސް ރަނގަޅުވާނެ " ކޯޗު އަސްރާ ބުންޏެވެ.

ޕޮލިސް ކްލަބްގެ ކޯޗު ހާލިދު މުހައްމަދު ބުނީ ފުރަތަމަ މެޗާ އަޅާބަލާއިރު ޓީމްގެ ކުޅުން ރަނގަޅުކަމަށާއި، އިތުރަށް ޓީމް ރަނގަޅުވަމުންދާނެކަމަށެވެ.

" ވަރަށް މަދު ޕްރެކްޓިސްއެއް މިކުރެވުނީ. ހަ ޕްރެކްޓިސް ކުރެވުނީ. ބޭރު ކުޅުންތެރިޔާއާ އެއްކޮށް މިކުރެވުނީ އެންމެ ޕްރެކްޓިސްއެއް. ކޮންމެ މެޗަކަށްވެސް ނިކުންނާނީ މޮޅުވާން " ރިސޯރޓް މުބާރާތުގެ އެންމެ މޮޅު ކޯޗު ބުންޏެވެ.

ލީގުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި، ސީލައިފް ސްޕޯރޓްސް ކްލަބެވެ. މާދަމާރޭ ވާދަކުރާނީ ޕޮލިސް ކްލަބާއި މޯލްޑިވިއަންއެވެ.