ކުޅިވަރު

އޭޝިޔާ ހޯޕްސް ޓީޓީ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި


އޭޝިއާ ހޯޕްސްގެ ނަމުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. 

މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިތަމްރީނު ޕްރޮގްރާމަކީ އޭޝިޔާ ހޯޕްސްގެ ދަށުން ކުރިއަށްގެންދާ ތަމްރީނުތަކެކެވެ. ނަމަވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއީލް ސުޖާޢު ބުނީ ޕްރޮގްރާމްގެ އެންމެ ފަހު ދުވަހު، ކުރިއަށްގެންދާނީ ވާދަވެރި މެޗުތަކެއްކަމަށެވެ. މިޕްރޮގްރާމް ކުރިއަށްގެންދަނީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ އެހީގައިކަމަށާއި، ޕްރޮގްރާމްގައި ކިޔަވައިދެނީ ތައިލެންޑްގެ އެންމެ ފެންވަރު ރަނގަޅު ކޯޗެއްކަން ސުޖާޢު ފާހަގަކުރިއެވެ. 

އުމުރުން 10 އަހަރާއި 11 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ދަށުން މިއުމުރުފުރާގެ ކުދިންނަށް ބޭނުންވާ ބޭސިކް ސްކިލްސްއާއި، ޓެކްނިކްސްގެ އިތުރުން ޓޭބަލް ޓެނިސްގައި ކުރިއަށްދާނެ ގޮތްތައްވެސް ކިޔައިދޭނެކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

"މިފުރުސަތު އެންމެ ފުރަތަމަ ރާއްޖެއަށް ލިބުނީމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝައުޤުވެރިކަން ފާޅުކުރިން ރާއްޖޭގައި ބޭއްވުމަށް. ރާއްޖޭގައި ބޭއްވުމުން ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއަށް ޓޭބަލް ޓެނިސްއިން ފައިދާ ކުރާނެ. އޭގެ ތެރޭގައި ރާއްޖެއިން ބައިވެރި ކުރާ ކުދިންގެ އަދަދު އިތުރު ކުރެވޭ، ރާއްޖޭގެ ވީހާވެސް ގިނަ ކޯޗުން ބައިވެރި ކުރެވޭ. އަދި އެންމެ ޅަފަތުގައި އެންމެ ފެންވަރު ރަނގަޅު ކޯޗެއްގެ އެހީތެރިކަން ލިބުން ފާހަގަކޮށްލެވޭ." ސުޖާ ބުންޏެވެ.

އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ މެމްބަރު ޤައުމުތަކުގެ މެދުގައި ބާއްވާ އޭޝިޔާ ހޯޕްސް، ތަމްރީން ޕްރޮގްރާމް ކުރިއަށްދަނީ ހުޅުމާލޭ ޣާޒީ ސްކޫލްގައެވެ. މިޕްރޮގްރާމްގައި ރާއްޖޭން ހަތަރު  އަންހެން ކުޅުންތެރިންނާއި، ފަސް ފިރިހެން ކުޅުންތެރިން ބައިވެރިވެއެވެ. މިޕްރޮގްރާމްގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ޕާކިސްތާން އަދި ސްރީލަންކާގެ ކުޅުންތެރިން ބައިވެރިވެއެވެ.

މިއީ ރާއްޖޭގައި މިޕްރޮގްރާމް ބާއްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެހެން ޤައުމުތަކުގައި ބޭއްވި އޭޝިއާ ހޯޕްސްގައި ރާއްޖޭގެ ކުޅުންތެރިންވަނީ މީގެ ކުރިން ބައިވެރިވެފައެވެ.