އިޓާލިއަން ލީގުގައި ރޭ އޭސީމިލާން 2-1 ން މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ބެނެވެންޓީގެ ކީޕަރު ޖެހި ގޯލުން މިލާނަށް ދެ ޕޮއިންޓް ގެއްލިއްޖެއެވެ.
މިއީ ޓޭބަލުގެ އެންމެ ފުލުގައިވާ ބެނެވެންޓޯ އަށް މިހާތަނަށް ކުޅުނު 15 މެޗުން ލީގުގައި ލިބުނު ހަމައެކަނި ޕޮއިންޓެވެ. އެ ޓީމުގެ ކީޕަރު އަލްބާޓޯ ބިރިގްނޯލީ މެޗަށް ފަހު ބުނީ މިއީ ވަރަށް އުފާވެރި ވަގުތެއް ކަމަށެވެ. ހާއްސަކޮށް ފާއިތުވެދިޔަ 14 މެޗުގެ ތެރެއިން ނަސީބު ދެރަކަމުން ފަހުވަގުތު ބައެއް މެޗުތަކުން ބެނެވެންޓޯ ބަލިވިއިރު ހުރިހާ ކުޅުންތެރިން ތިބީ ވަރަށް ދެރަވެފައިކަމަށެވެ. ނަމަވެސް މިއީ އެހުރިހާ ކަމަކަށް ނިމުން އައި ވަގުތު ކަމަށާއި، ޓިމުގެ ހުރިހާ ކުޅުންނަށްޓަކައި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. ނަމަވެސް މިއީ ކީޕަރަކު ޖެހި ގޯލަކަށްވުމުން އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ.
މިއީ މިލާނުގެ ކޯޗުކަމާ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ގެނާރޯ ގަޓޫސޯ ހަވާލުވި ފަހުން މިލާން ކުޅުނު ފުރަތަމަ މެޗެވެ. ރޭ އެއްވަރުވުމުން މިލާން އޮތީ 21 ޕޮއިންޓާއެކު އަށް ވަނާގައެވެ.
މިލާން އެއްވަރުވިއިރު ވާދަވެރި އިންޓަމިލާން ވަނީ ޓޭބަލުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 15 މެޗުން 39 ޕޮއިންޓާއެކު އެއްވަނަ ލިބުނީ ރޭ ކިއޭވޯ ވެރޯނާ 5-0 ން ބަލިކޮށްގެންނެވެ. މިމެޗުގައި އިވާން ޕްރިސިޗް ވަނީ ހެޓްރިކް ހަދާފައެވެ.