ދުނިޔެ

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އީޔޫއިން ބަލައެއް ނުގަނޭ


ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ޤަބޫލުކުރި ނަމަވެސް މިކަމަކީ ވިލާތުގެ އިއްތިހާދުން ބަލައިނުގަންނާނޭ ކަމެއް ނޫންކަމަށް އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ފެޑްރީކާ މޯޣެރީނީ ވިދާޅުވެއްޖެއެވެ.

މޯޣެރީނީ މިހެން ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯޣެރީނީ ވިދާޅުވީ، ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ވިލާތުގެ އިއްތިހާދުން ޤަބޫލުކުރާނީ އިސްރާއީލާ ފަލަސްޠީނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވޭ ދުވަހަކުން ކަމަށެވެ.

 އަދި އެ ދުވަހަކުންވެސް ވިލާތުގެ އިއްތިހާދުން މިކަން ޤަބޫލުކުރާނީ ޤުދުސްގެ މިލްކުވެރިކަމުގެ ބައެއް ފަލަސްޠީނަށްވެސް ލިބޭނެނަމަ ކަމަށެވެ.

އަދި ވިލާތުގެ މި ސިޔާސަތަކީ އެ އިއްތިހާދުގެ ހުރިހާ ޤައުމަކުންވެސް ޤަބޫލުކުރާ އަދި އެކަމަށް ބާރުދޭ ސިޔާސަތެއްކަމަށް ވެސް މޯޣެރީނީ ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ވިދާޅުވީ، އިސްރާއީލާ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދޭ ހިނދަކު ވިލާތުގެ އިއްތިހާދުން މިކަމުގައި ޤަބޫލުކުރަމުންދާނީ ޤުދުސާ މެދު ބައިނަލްއަޤްވާމީ ދުނިޔެއިން ގެންގުޅޭ ސިޔާސަތު ކަމަށެވެ.

މިދިޔަ ބުދަދުވަހު ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ކަނޑައަޅާ އެކަން އިޢުލާނުކުރި ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ދަނީ ވިލާތުގެ އިއްތިހާދަށް ދަތުރެއް ކުރައްވަމުންނެވެ.

 މިދަތުރަކީ އެމެރިކާގެ މި ނިންމުމަށް ވިލާތުގެ ޤައުމުތަކުން އެއްބާރުލުން ހޯދުމަށް ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ކުރައްވާ ދަތުރެއް ކަމަށް ބެލެވޭއިރު މިހާތަނަށް މިކަމުގައި ނަތަންޔާހޫ މިވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

މި ގޮތުން، ބެލްޖިއަމްގެ ކުރިން ފަރަންސޭސިވިލާތަށް ނަތަންޔާހޫ ކުރެއްވި ދަތުރުގައި އެ ޤައުމުގެ ރައީސް އެމެނުއަލް މެކްރޯނާއެކު ބައްދަލުކުރެއްވުމުގައިވެސް މެކްރޯން ވަނީ ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ފަރަންސޭސިވިލާތުން ބަލައިނުގަންނަނާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މެކްރޯން ވަނީ އެމެރިކާގެ މި ނިންމުން އަނބުރާ ގެންދިއުމަށްވެސް ގޮވާލައްވާފައެވެ.

 އަނެއްކޮޅުން، ބެލްޖިއަމްގައި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ނަތަންޔާހޫ ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް އެމެރިކާގެ މި ނިންމުމަށް ތާއީދުކޮށް ވިލާތުގެ އެއްވެސް ޤައުމަކުން ވާހަކަ ދައްކާފައި ނުވާކަމަށް ސުވިޑަންގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި މި ކަމަކީ ވިލާތުގެ އެއްވެސް އިއްތިހާދުގެ އެއްވެސް ޤައުމަކުންވެސް ކުރިއަށް އޮތްތަނުގައި ކުރާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ދަނީ އެމެރިކާގެ ނިންމުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ދުނިޔޭގެ އެއްބާރުލުން އިތުރަށް ހޯދުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.

މިގޮތުން އައްބާސް މިހާރު މިސްރަށް ދަތުރެއް ކުރައްވަމުން ގެންދަވާއިރު މި ދަތުރުގައި މިސްރުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާނެއެވެ.

 އަދި މިހަފުތާގައި ތުރުކީގެ އިސްތަންބުލްގައި ބާއްވާ އިސްލާމީ ޤައުމުތަކުގެ ބައިނަލްއަޤުވާމީ ޖަމާޢަތް އޯ.އައި.ސީގެ ބައްދަލުކުރެއްވުމުގައިވެސް އައްބާސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.