ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ އޭނާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އޭނާ މިހެން ބުނީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ރަންބޯޅަ ފަސް ވަނަ ފަހަރަށް ހޯދުމަށްފަހުގައެވެ. މި އެވޯޑާއެކު ރޮނާލްޑޯ ވަނީ މިހާތަނަށް އެވޯޑް އެންމެ ގިނަ ފަހަރު ހޯދާފައިވާ ބާސެލޯނާގެ އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީގެ ރެކޯޑާ ހަމަހަމަކޮށްފައެވެ.
އުމުރުން މިހާރު 32 އަހަރުގެ ފޯވަޑް ބުނީ އޭނާ ދެކޭގޮތުގައި މިހާތަނަށް (ދުނިޔެދުށް) އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ ކަމަށާއި ކޮންމެ އަހަރަކު ވެސް ބެލޮންޑީއޯ އެވޯޑް ނުވަތަ ރަންބޯޅަ ހޯދަން އޭނާ އަޒުމް ކަނޑައަޅާ ކަމަށެވެ. އަދި ހަތަރު އަހަރު ތެރޭގައި ތިން ފަހަރު މި އެވޯޑް ހޯދުމަކީ ފަސޭހަ ކަމެއްނޫން ކަމަށާއި ނަމަވެސް އޭނާ ހުރީ އަދިވެސް މި އެވޯޑް ހޯދާހާ ފިޓްކޮށް އަދި ވަރަށް ގަދަ އަޒުމެއްގައި ކަމަށް. ރޮނާލްޑޯ ބުނީ އޭނާގެ އުއްމީދަކީ ހަތް ފަހަރު ބެލޮންޑީއޯ އެވޯޑް ހޯދުން ކަމަށެވެ.
މި ފަހަރުގެ ބެލޮންޑީއޯ ރޮނާލްޑޯއާ ހަވާލުކުރީ ފްރާންސްގެ އައިފީލް ޓަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އަދި ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 5-0އިން ރެއާލް މެޗުގައި ރޮނާލްޑޯގެ ހޯދި ފަސް ބެލޮންޑީއޯ އެވޯޑް ވަނީ ސަޕޯޓަރުންނަށް ދައްކާލައިފައެވެ. މެޗުގެ ކުރިން މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރޮނާލްޑޯ އަށް އެކުލަބުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރޭގެ މެޗުގައި ސެވިއްޔާ ކޮޅަށް ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފައެވެ. އަނެއް ތިން ގޯލު ޖެހީ ނަޗޯ ފެނާންޑޭޒް އާއި ހަކީމީ އަދި ޓޮނީ ކްރޫސްއެވެ.