ކުޅިވަރު

ސިޓީ އަތުން ބަލިވީ ރެފްރީގެ ސަބަބުން - މޮރީނިއޯ


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ޔުނައިޓެޑް 2-1އިން ބަލިވީ ރެފްރީ މައިކަލް އޮލިވޭރާގެ ސަބަބުން ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

މެންޗެސްޓާރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ މެޗަށް ފަހު ބުނީ ޖުމްލަކޮށް ރެފްރީގެ ނިންމުން ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް މައާފް ނުކުރެވޭ ވަރުގެ ބޮޑު ގޯހެއް ރެފްރީ ހަދާފައިވާ ކަމަށެވެ. އެއީ އޭނާގެ ޓީމަށް ޕެނަލްޓީ އެއް ދޭންޖެހޭ ބޯޅައެއް ގަސްތުގައި ދޫކޮށްލުން ކަމަށެވެ.

ޓޭބަލުގެ އެންމެ ކުރީގައިވާ ދެ ޓީމުގެ ކުރިމަތިލުން ސިޓީ ކާމިޔާބު ކުރުމާއެކު ޔުނައިޓާ ދެމެދު އޮތް ފަރަގު ވަނީ 11 ޕޮއިންޓަށްފުޅާވެފައެވެ. މިހެންވެ މޮރީނިއޯ ބުނީ ތަށި ހޯދުމުގެ ފުރުސަތު ގާތްގަނޑަކަށް ބަންދުވީ ކަމަށެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިދިޔަ ސީޒަނުގައި ވެސް ޔުނައިޓެޑްގެ ދަނޑުގައި ސިޓީ މޮޅުވުމުން މޮރީނިއޯ ރެފްރީގެ ގޯސްކޮށް ވާހަކަ ދެއްކި ކަމަށާއި ނަމަވެސް ސިޓީ މޮޅުވީ ހުރިހާ ގޮތަކުން ވެސް މޮޅުވެގެން ކަމަށެވެ.

އޭނާ ބުނީ އޯލްޑް ޓްރެފަޑްގައި އަނެއްކާ ވެސް ޔުނައިޓެޑް ބަލިކުރެވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި ޓީމުގެ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވީ މިކަންތައް ފުރިހަމަކުރަން ކަމަށެވެ.

މި މެޗުން މޮޅުވުމުން ސިޓީއަށް ވަނީ ރެކޯޑެއް ވެސް ލިބިފައެވެ. މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު ކާމިޔާބުކުރި 14 ވަނަ މެޗެވެ.