ކުޅިވަރު

މެޗުތަކުން މޮޅުނުވެވެނީ މެޗުގެ ފެށުން ގޯސްވާތީ - ވެންގާ


އާސެނަލް އަށް މިފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މެޗުތަކުގެ ފެށުން ގޯސްވުން ކަމަށް ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން 1-1އިން އެއްވަރުވި މެޗަށް ފަހުގައެވެ.

ވެންގާ ބުނީ މެޗު ލަސްކޮށް ފެށުމުގެ ސަބަބުން އިދިކޮޅު ޓީމު ވަރަށް ބޮޑަށް އެޑްވާންޓޭޖް ނަގާ ކަމަށާއި އާސެނަލް އަށް މެޗުގެ ތެރެއަށް ރަނގަޅަށް ވަދެވެނީ ވެސް މާލަހުން ކަމަށެވެ. މިހެންވެ ކުރިއަށް ހުރި މެޗުތަކުގައި އެންމެ ބޮޑަށް ރަނގަޅު ކުރަން މަސައްކަތް ކުރާނީ މިކަންތައް ކަމަށެވެ.

ސައުތެމްޓަނުގެ ކޯޗު މައުރީސިއޯ ޕެލްގްރީނޯ ބުނީ ބޯޅަ ކޮންޓްރޯލް ނުކުރެވުނު ނަމަވެސް މުޅި މެޗު ކޮންޓްރޯލް ކުރީ އޭނާގެ ޓީމު ކަމަށެވެ. ހާއްސަކޮށް އާސެނަލް ކަހަލަ މޮޅު ޓީމަކާ ކުޅޭއިރު ގިނަ ކަންތައްތަކެއްގައި 100 ޕަސެންޓް ރަނގަޅު ކުރަންޖެހޭ ކަމަށާއި މި މެޗުގައި އޭނާގެ ޓީމުގެ ފަރާތުން އެފަދަ ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ.

މެޗުގެ ތިން ވަނަ މިނިޓްގައި ސައުތެމްޓަނުގެ އޮސްޓިން ޖެހި ގޯލަށް ފަހު އާސެނަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ 88 ވަނަ މިނިޓްގައި އޮލީވިއާ ޖީރޫއެވެ. ވެންގާ ބުނީ ޖީރޫއަކީ ޓީމުގައި ބަރާބަރަށް ކުޅެންޖެހޭ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ބަހަައްޓަނީ ޖީރޫއަކީ އަބަދުވެސް މެޗު ކޮންސަންޓްރޭޝަން ބަރާބަރު ކުޅުންތެރިއަކަށް ވުމުން ކަމަށެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ 29 ޕޮއިންޓާއެކު ޓޭބަލުގެ ފަސް ވަނާގައެވެ. ސައުތެމްޓަން އޮތީ 18 ޕޮއިންޓާއެކު 11 ވަނާގައެވެ.