ދުނިޔެ

ބްރެކްސިޓް މަޝްވަރާތައް ފަސޭހަ ނޫންނަމަވެސް ފަސްނުޖެހޭނަން- މޭ


ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާ ބެހޭގޮތުން ދެ ފަރާތުގެ ދެމެދު ކުރިއަށްދާ ވާހަކަތަކުގެ ތެރެއިން އުނދަގޫ މަޝްވަރާތަކެއް ހުރިނަމަވެސް މި ކަމުގައި ދެން ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

މޭ މިހެން ވިދާޅުވެފައިވަނީ ދެފަރާތުގެ ދެމެދުކުރިއަށްދާ މަޝްވަރާތަކުގައި ދެވަނަ މަރުހަލާއަކަށް ދިއުމަށް ވިލާތުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ސަންޑޭ ޓެލެގްރާފްގައި ލިޔުއްވި އާޓިކަލްއެއްގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ ވިދާޅުވީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދާ ވަކިވުމާ ބެހޭގޮތުން ފާއިތުވި ދެތިން ހަފުތާގައި އެކި ފަރާތްތަކުން ދައްކާފައިވާ އެކި ވާހަކަތަކަށް ފަހުވެސް އިނގިރޭސި ސަރުކާރުން އަދިވެސް ދަނީ މި މަސައްކަތް ކާމިޔާބުކުރުމަށް ފިޔަވަޅުތައް އަޅަމުންކަމަށެވެ. އަދި މިދަނޑިވަޅުގައި، އިނގިރޭސި ރައްޔިތުންނަށް އެ ޤައުމުގެ ސަރުކާރުން ދޭން ބޭނުންވާ މެސެޖު ވަރަށް ސާފު ކަމަށާއި، އިނގިރޭސި ރައްޔިތުން ޑިމޮކްރަސީގެ އުސޫލުގެ މަތިން ހާމަކޮށްފައިވާ ކަންކަން ފުރިހަމަކޮށްދިނުމުގައި އިނގިރޭސި ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

2019 ވަނަ އަހަރުގެ މާރޗް މަހުގެ ކުރިން ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްކަށް ހުސްވި ހަފުތާ ބަންދުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެއީ ދެ ފަރާތުގެ ދެމެދު ކުރިއަށްގެންދާ ވާހަކަތަކުގެ ދެވަނަ މަރުހަލާ ފެށުމަށް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވުނެވެ.

މިދިޔަ ހުކުރު ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިއަށް ގެންދިޔަ ވިލާތުގެ އިއްތިހާދުގެ އިސްވެރިންގެ ސަމިޓްގައި ވިލާތުގެ އިއްތިހާދުގެ އިސްވެރިން ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު މި ވާހަކަތަކުގެ ދެވަނަ މަރުހަލާ ފަށާއިރު ފުރަތަމަ ކަމަކަށް މަޝްވަރާ ކުރާނީ 2019 ވަނަ އަހަރު އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދާ ވަކިވުމަށްފަހު ދެން ފެނިގެންދާނެ ދެ އަހަރު ދުވަހުގެ އިންތިޤާލީ މަރުހަލާގެ ތަފްސީލުތަކާ ބެހޭގޮތުން ކަމަށެވެ. އަދި އެއަށް ފަހު އަންނަ އަހަރުގެ މާޗް މަހު 2019 ވަނަ އަހަރަށް ފަހު އިނގިރޭސިވިލާތާ ވިލާތުގެ އިއްތިހާދާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމާއި ސަލާމަތީ އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެކަމަށް ވެސް ވިލާތުގެ އިއްތިހާދުގެ ލީޑަރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.

ވިލާތުގެ މިނިންމުމުގެ ސަބަބުން އިނގިރޭސި ވިޔަފާރިވެރިންގެ މެދުގައި ސަރުކާރަށް އޮންނަ އިތުބާރު އިތުރުވި ނަމަވެސް ބޮޑުވަޒީރު ތެރީސާ މޭއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރިއެވެ. ޙާއްސަ ގޮތެއްގައި، މޭގެ ވަޒީރުންގެ މަޖިލީހުގައި މިކަމާ ބެހޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ދުރުކުރުމަށް އެކަށިގެންވާ މަސައްކަތްތަކެއް މޭ ކުރައްވަން ޖެހެއެވެ.