ޤުދުސްގެ ސިޔާސީ ކުރިމަގާމެދު ގޮތެއް ނިންމުމަށް އދގެ ޢާއްމު މަޖިލީހުން ބާއްވާ ކުއްލި ބައްދަލުވުމުގައި ހުށައަޅާ ޤަރާރާ އެއްކޮޅަށް ވޯޓުދޭ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބުނެ އެމެރިކާއިން މިމަހުގެ ކުރީކޮޅު ނިންމި ނިންމުމާއެކު އެމެރިކާ ވަނީ ބައިނަލްއަޤުވާމީ ދުނިޔޭގައި މުޅިންހެން އެކަހެރިވެފައެވެ. އެމެރިކާއިން ހީކުރި ގޮތާ ޚިލާފަށް އެމެރިކާގެ މި ނިންމުމާ ދެކޮޅަށް މުޅި ދުނިޔެ ވަނީ އެކަތިގަނޑަކަށްވެފައެވެ.
އެމެރިކާގެ މި ނިންމުމާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަދައްކަމުން ދަނީ ޢަރަބި ދުނިޔެ އާއި ވިލާތުގައި އެމެރިކާއަށް އަބަދުވެސް ވާގިދެމުން އަންނަ ޤައުމުތަކެވެ.
މި މައްސަލައިގައި އެމެރިކާ އިތުރަށް އެކަހެރިވެގެންދިޔައީ، ޤުދުސްގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން ވަކި ވަކި ޤައުމުތަކަށް ނިންމުންތައް ނުނިންމޭނެ ކަމަށާއި މިފަދަ ނިންމުންތައް އަނބުރާ ގެންދިއުމަށް ގޮވާލާ މިޞްރުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރުގެ ދެލިކޮޕީ އެމެރިކާއިން ވީޓޯ ކުރުމުންނެވެ. އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ ފިޔަވައި ދެން ހިމެނޭ 14 ޤައުމުން މިޤަރާރު ފާސްކުރުމަށް ވޯޓުދިނުމުން އެމެރިކާއިން ބުނެފައިވަނީ މިޤަރާރުގެ ދެލިކޮޕީއަކީ އެމެރިކާއަށް ކޮށްފައިވާ ބޮޑު މަލާމާތެއް ކަމަށެވެ.
މިކަމަށް އދގެ ސަލާމަތީ މަޖިލީހުން ލިބުނު ނާކާމިޔާބީއަށްފަހު ފަލަސްޠީނުގެ ހައްޤުގައި މަސައްކަތް ކުރާ ޤައުމުތަކުން ވަނީ އދގެ ޢާއްމު މަޖިލީހަށް ޤަރާރެއް ހުށައަޅާފަ.
އެގޮތުން ޤުދުސްގެ ސިޔާސި ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މެމްބަރު 193 ޤައުމު ހިމެނޭ އދގެ ޢާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިހާރު ވަނީ ތާވަލުކޮށްފައެވެ. އަދި ޤުދުސްގެ ސިޔާސީ ކުރިމަގާމެދު އދގެ ޢާއްމު މަޖިލީހަށް ހުށައަޅާ ޤަރާރު ބޮޑު ޢަޣުލަބިއްޔަތަކުން ފާސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އދގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ޤަރާރުތަކާ ޚިލާފަށް ޢާއްމު މަޖިލީހުން ފާސްކުރާ ޤަރާރުތަކަށް ކިޔަމަންވާ ނުޖެހުނު ކަމުގައިވިޔަސް އެމެރިކާ ފަދަ ބާރުގަދަ ޤައުމެއްގެ ނިންމުމާ ދެކޮޅަށް ފާސްކުރާ ޤަރާރެއް ވެގެންދާނީ ކުރިއަށް އެޅޭ ރަގަޅު ފިޔަވަޅަކަށް ކަމަށް މުރާސިލުން ދެކެއެވެ. އެމެރިކާއިން އދށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ވަނީ، އެ ވޯޓުގައި އެމެރިކާއާ ދެކޮޅަށް ވޯޓުލާ ފަރާތްތަކުގެ "ނަން ނޯޓުކުރައްވާނެ"ކަމަށް ވިދާޅުވެފައެވެ.
އދގެ ޢާއްމު މަޖިލީހަށް ހުށައަޅާ މި ޤަރާރަށް ވޯޓު ދޭ ޤައުމުތަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ވާހަކަދައްކަވަމުން، ދުނިޔޭގެ އެކި ޤައުމުތަކުން އެތައް ބިލިއަން ޑޮލަރެއްގެ އެހީއަށް އެމެރިކާގެ ކިބައިން އެދޭ ކަން ފާހަގަކުރައްވާ ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އެ ވޯޓު ގާތުން ބަލަމުންދާނެ ކަމަށާއި އެ ވޯޓާއެކު އެމެރިކާއަށް ގިނަ ޢަދަދެއްގެ ފައިސާ ރައްކާކުރެވިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.