ދުނިޔެ

އިސްރާއީލުގެ ޢަމަލުތަކަށް އަތްއުރާލައިގެން ނުތިބޭނަން- ހަމާސް


އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްތީނުގެ ޙައްޤުތައް ހޯދުމަށާއި އިސްރާއީލުގެ އިސްތިޢުމާރީ ވަކިތަކުން ފަލަސްތީނު މިނިވަންކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުގެ ވަރުގަދަ ހަރަކާތެއް ފަށަން ތައްޔާރަށް އޮތްކަން ހަމާސް ޖަމާއަތުން ހާމަކޮށްފިއެވެ.

އިސްރާއީލަކީ އިސްތިޢުމާރީ ބާރެއްކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އިސްތިޢުމާރީ ވަކިތަކުން މިނިވަންވެވޭނީ މިނިވަންކަމަށްޓަކައި ވަރުގަދަ ޖިހާދެއްކޮށްގެން ކަމަށް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ބުނެފައިވެއެވެ.

ޣައްޒާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ ވިދާޅުވީ އިސްރާއީލުން ޤުދުސާއި ހުޅަނގު އައްސޭރި ޔަހޫދީންގެ ބިމެއްގެ ގޮތުގައި ހަދާތަން ބަލަން ހަމާސް އާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތައް ނޯންނާނެކަމަށާއި މުޖާހިދުންގެ ހަމަލާތަކުން އިސްރާއިލު ސަލާމަތްކުރުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަމަށެވެ.

ހަމާސްގެ ލީޑަރުން އިސްރާއީލަށް މި އިންޒާރު ދެއްވީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީ އާއި އިރުމަތީ ޤުދުސް އިސްރާއީލުގެ ބިންތަކެއް ކަމަށް ހެދުމަށް އެ ޤައުމުގައި ވެރިކަންކުރާ ހަރުކަށި ލިކޫދް ޕާޓީން މަސައްކަތް ފެށުމާގުޅިގެންނެވެ. މިއާއެކު ހުޅަނގު އައްސޭރީގައި މިލިޔަނަކަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރިކުރުވުމުގެ އައު މަޝްރޫޢެއް ފަށާނެކަމުގެ އިންޒާރުވެސް އިސްރާއީލުންވަނީ ދީފައެވެ.

މީގެއިތުރުން އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ގެންދަނީ ޤުދުސްގެ މުސްތަޤުބަލާ ބެހޭގޮތުން ފަލަސްތީނާ ވާހަކަދެއްކުން އިސްރާއީލުގެ ސަރުކާރަށް މަނާކުރާ ޤާނޫނެއް ފާސްކުރުމަށްވެސް މަސައްކަތްކުރަމުންނެވެ. އިސްރާއީލުގެ މި ރޭވުންތަކަކީ ފަލަސްތީނުގެ ދަޢުލަތެއް އުފެއްދުމުގެ އެއްވެސް ފުރުޞަތު ނުދިނުމަށް ރާވާ ނުރައްކާތެރި ރޭވުންތަކެއްކަމުގައި ފަލަސްތީނުން ދެކެއެވެ.

އިސްރާއީލުގެ މި އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ޖަމާޢަތްތަކުން ހަމަލާ ދޭން ފަށައިފިނަމަ މުޅި އިސްރާއީލުގައި އަމަން އަމާންކަން ގެއްލި ބިރުވެރިކަން އުފެދިގެންދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިފަދަ ހާލަތެއްގައި، އިސްރާއީލަށް ހިޖުރަކޮށްގެން އުޅޭ ބޭރު ޤައުމުތަކުގެ ޔަހޫދީންވެސް އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިސްރާއީލު ދޫކޮށް އެމީހުންގެ ޤައުމުތަކަށް އެނބުރި ގޮސް، އިސްރާއީލުގެ ސިޓީތަކާއި ވިލެޖްތައް ހަނގުރާމައިގެ މައިދާންތަކަކަށް ބަދަލުވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.