އިންޑިއާގެ ތިން ސިޓީއެއްގައި އަންނަ މާރިޗު މަހުގެ ތެރޭގައި ރޯޑް ޝޯ ތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރޒް މަޓާޓޯއިން ބުނެފިއެވެ. ރާޢްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަޓާތޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ ފެބްރުއަރީ މަހު މެދުއިރުމަތީގެ ޤައުމުތަކުގައި ހާޢްސަ ރޯޑް ޝޯތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމަށް އަންނަ އަހަރު ގިނަ ހަރަކާތަކެއް ހިންގުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ދަށުން އަންނަ ފެބްރުއަރީ މަހުގެ "އައުޓް ބައުންޑް ޓްރެވަލް ރޯޑްޝޯ (އޯ.އާރު.ޓީ) ބޭއްވުމަށް މަޓާޓޯއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ފެބްރިއަރީ 11 އިން 15 ކުރިޔަށް ގެންދާ މި ރޯޑް ޝޯވްތައް އޮންނާނީ ޔޫ.އޭ.އީ، ކުވެއިތް، ޤަތަރު އަދި އޮމާންގައެވެ. މަޓާޓޯއިން ބުނީ މެދުއިރުމަތީގެ ޤައުމުތަކުގައި ބާއްވާ ރޯޑް ޝޯގައި ފަތުރުވެރިކަމުގެ ދާއިރާއިން ވިޔަފާރިވެރިން ބައިވެރިވެ ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ސަރަހައްދެކެވެ. މިއަހަރުގެ މިހާތަނަށްވެސް މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވަނީ ވަރަށް ބޮޑުތައް އިތުރުވެފައެވެ.
ރާޢްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަޓާޓޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ މާރިޗު މަހު އިންޑިއާގެ ތިން ސިޓީއެއްގައިވެސް ރޯޑް ޝޯވްތަކެއް ބޭއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މާރިޗު މަހުގެ 19 އިން 22 ކުރިޔަށްދާ މި ރޯޑް ޝޯވް އޮންނާނީ އިންޑިއާގެ ވެރިރަށް ދިއްލީއާއި މުމްބާއީގެ އިތުރުން އަހުމަދު އާބާދުގައެވެ. މި ޝޯވްތަކުގައި ބައިވެރިވުމަށް ޓްރެވަލް އެޖެނުންޓުންނާ، އޮޕަރޭޓަރުން ދައުވަތު ދީފައިވާއިރު ދިއްލީ އާއި މުމްބާއީގައި ބާއްވާ ރޯޑް ޝޯތަކުގައި 300-350 އެއްހާ ވިޔަފާރިން ބައިވެރިވާނެކަމަށް މަޓާޓޯއިން ލަފާކުރެއެވެ. އަދި އަހުމަދުއާބާދުގައި ބާއްވާ ރޯޑް ޝޯގައި ގާތްގަޑަކަށް 250 އެއްހާ ވިޔަފާރިތަކުން ބައިވެރިވާނެކަމަށް މަޓާޓޯއިން ބުނެއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އެކަނިވެސް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.7 އިންސައްތަ ވަނީ އިތުރުވެފައެވެ. މިގޮތުން އޭޝިޔާ ޕެސިފިކް ސަރަހައްދުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 5.7 އިންސައްތަ ފަތުރުވެރިންނަކީ އިންޑިއާ މީހުންނެވެ. އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. 2016ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 45 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީ 2015 ވަނަ އަހަރާ އަޅާބަލާއިރު 19.9 އިންސައްތަ އިތުރު އަދަދެކެވެ.