ބޮލީވުޑާއި، ރާއްޖޭގެ މަޝްހޫރު ފަންނާނުންތަކެއްގެ ފޯރިގަދަ ހަރަކާތްތަކާއެކު "ވެލްކަމް 2018" ޝޯވ މިރޭ އަލިމަސް ކާނިވާ ސަރަޙައްދުގައި އޮންނާނެއެވެ. އާ އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ޝޯވގައި ބެލުންތެރިންނަށް ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް ބެލެވޭއިރު، މި ޝޯވވެގެންދާނީ ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެ ކާމިޔާބު ޝޯވކަމަށް މިޝޯވް އިންތިޒާމްކުރާ އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ. މި ޝޯވް ޕީއެސްއެމްގެ ދެ ޗެނަލްކަމުގައިވާ ޓީވީއެމް އާއި ޔެސް ޓީވީން އެކްސްކްލޫސިވްކޮށް ވަގުތުން ގެނެސްދޭނެއެވެ.މި ޝޯވ ވިހާވެސް ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ މިކަން އިންތިޒާމްކުރާ މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން އަންނަނީ ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންނެވެ. އެގޮތުން މި ޝޯވގެ މި އިވެންޓް ހިންގައި ޕްރޮމޯޓްކުރުމުގެ ކަންކަން ހަވާލުކޮށްފައިވަނީ އިނގިރޭސިވިލާތާއި ދުބާއީފަދަ ޤައުމުތަކުގައި އިވެންޓް ރާވާ ހިންގުމުގެ މަސައްކަތްކުރަމުން އަންނަ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޕޯޓްފޯލިއޯ މެނޭޖްމަންޓް އެންޑް އިވެންޓްސްއާއެވެ. އަދި އެ ކުންފުންޏާއެކު ލޯކަލް އެސިސްޓެންސް ޕަރޓްނަރެއްގެގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގައި ތަފާތު ޝޯވތައް ހިންގުމުގައި ތަޖުރިބާކާރު ކުންފުންޏެއްކަމަށްވާ ޗޮޕްއާރޓް ޕްރައިވެޓް ލިމިޓެޑެވެ.
"ވެލްކަމް 2018" އަށްޓަކާ މުޅި އަލިމަސް ކާނިވާ ސަރަޙައްދުދަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ތައްޔާރުކުރަމުންނެވެ. ޝޯވގެ އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެމް.އައި.ޓީ.ޑީ.ސީގެ އޮފިޝަލެއްކަމަށްވާ ޝަރުއާޒް ޢަބްދުލްފާއިޒް ވިދާޅުވީ، ޝޯވއަށް ބޭނުންވާ ސައުންޑާއި ލައިޓިންގ އިންސްޓޯލްކޮށް ނިންމާ، ޝޯވގެ ރިހާސަލްތައްވެސް މިހާރު ކުރިއަށްގެންގޮސްފައިވާކަމަށެވެ.ޝަރުއާޒް ވިދާޅުވީ މިރޭގެ ޝޯވ ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުން އެ ސަރަޙައްދަށް ޖަމާވާނެކަމަށް ބެލެވޭތީ، އެ ސަރަޙައްދުގެ ސަލާމަތީކަންކަންވެސް ވަރުގަދަކޮށްފައިވާކަމަށެވެ. އަދި މިއީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެއްކަމުން، ވިހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމަށް ޚާއްސަ އިސްކަމެއްދީފައިވާކަމަށެވެ. މިރޭގެ ޝޯވ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އާއްމުންނަށްޓަކާ ކާނިވާ ސަރަހައްދުގެ ގޭޓްތައް އޭގެ އެއްގަޑިއިރު ކުރިން ހުޅުވާލާނެކަމަށްވެސް ޝަރުއާޒް ވިދާޅުވިއެވެ."ވެލްކަމް 2018" ގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގއާއި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަތަހް ޢަލީ ޚާން ބައިވެރިވުމަކީ މި ޝޯވއަށް ލިބިގެންދާ އިތުރު ފުރިހަމަކަމަށްވާއިރު، މިރޭގެ ޝޯވއިން އާއްމުންނާއި ހަމައަށް ތަފާތު ރަހަތަކުގެ ހިތްގައިމު ހުށައެޅުންތަކެއް މި ދެ ފަންނާނުންނާއި ރާއްޖޭގެ ފުންނާބުއުސް ބައެއް ލަވަކިޔުންތެރިންގެ ފަރާތުން ފެނިގެންދާނެކަމަށް އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ. ހަމައެހެންމެ އާ އަހަރަށް މަރުހަބާ ކިޔުމަށް މިރޭގެ ޝޯވގައި ތަފާތު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން ބުނެއެވެ.