ދުނިޔެ

ކިމްގެ އިޢުލާނަށް ދެކުނު ކޮރެއާއިން އީޖާބީ ރައްދެއް


މީލާދީ އައުއަހަރު ފެށުމުގެ މުނާސަބަތުގައި އުތުރުކޮރެޔާގެ ޒަޢީމު ދެއްވި ޚިޠާބަށް ދެކުނު ކޮރެޔާއިން މަރުޙަބާ ކިޔައިފިއެވެ. ދެކުނު ކޮރެޔާގެ ރިޔާސީ އިދާރާއާ ހަވާލާދީ އެ ޤައުމުގެ ޔޮންހެޕް ނޫސް އެޖެންސީން ބުނީ، ކޮރެއާ ބައްރުގައި އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށާއި، ދެކުނު ކޮރެޔާއާ ގުޅުން ބަދަހިކުރުމާބެހޭގޮތުން އުތުރުކޮރެޔާގެ ޒައީމް ދެއްކެވި ވާހަކައަށް ދެކުނު ކޮރެޔާ ތާއީދުކުރާ ކަމަށެވެ.

އުތުރުކޮރެޔާގެ ޓީވީ މެދުވެރިކުރައްވާ ހޯމަ ދުވަހު އެ ޤައުމުގެ ޒައީމު ކިމް ޖޮންގް އުން ދެއްވި ޚިތާބުގައި އޭނާ ވަނީ، ކޮރެއާ ބައްރުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެ، ދެކޮރެއާގެ ގުޅުން ހަރުދަނާކުރުމާބެހޭގޮތުން ކުރިން ދައްކަވާފައި ނުވާފަދަ އުންމީދީ ވާހަކަތަކެއް ދައްކަވާފައެވެ.

މީގެއިތުރުން ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިނި މޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވުމަށްޓަކައި އުތުރު ކޮރެޔާގެ ކުޅިވަރާބެހޭ ވަފުދެއް ދެކުނަށް ފޮނުވުމާމެދު ވިސްނަވާކަމަށްވެސް ކިމް ވިދާޅުވެފައިވެއެވެ.

ދެ ކޮރެޔާގެ ރައްޔިތުންނަކީ ލޭގެ ގޮތުންނާއި ނަސްލުގެ ގޮތުންނާއި ބަހާއި ޘަޤާފަތާއި ތާރީޚުގެ ގޮތުން އެއް ރައްޔިތަކަށްވާހިނދު، ދެކޮރެޔާގެ އަރާރުން ނިމުމަކަށް ގެނައުމަކީ އެ ދެ ޤައުމުގެ އާންމު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އުތުރުކޮރެޔާގެ ޒައީމްގެ ބައްޕަ އަދި އެ ޤައުމުގެ ކުރީގެ ރައީސް ކިމް ޖޮންގް އިލްގެ ވެރިކަމުގައި ދެކޮރެޔާގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔައެވެ. އަދި ދެކޮރެޔާގެ ރައީސުންގެ ދެ ފަހަރެއްގެ މަތިން ސަމިޓް ބައްދަލުވުންތަކެއްވެސް ބާއްވައިފައިވެއެވެ. ފުރަތަމަ ސަމިޓް ބާއްވާފައިވަނީ ޕިޔޮންގްޔެންގްގައި 2000 ވަނަ އަހަރުގެ ޖޫންމަހު، އޭރުގެ ދެކުނު ކޮރެޔާގެ ރައީސް ކިމް ޑައި ޖުންގް އާއި އުތުރުކޮރެޔާގެ ޒައީމް ކިމްޖޮންގް އިލްއާ ދެމެދުގައެވެ. ދެވަނަ ސަމިޓް ބާއްވާފައިވަނީ 2007 ވަނަ އަހަރު ދެކުނު ކޮރެޔާގެ ރައީސަކަށް ހުންނެވި ރޫމޫން ހިޔުން އާއި އުތުރުކޮރެޔާގެ ޒައީމް ކިމްޖޮންގް އިލް އާދެމެދުގައެވެ.

މީލާދީ އައު އަހަރު ފެށުމާ ގުޅިގެން އުތުރުކޮރެޔާގެ ޒައީމް ދެއްވި ޚިތާބާ ގުޅިގެން ދެކުނު ކޮރެޔާގެ ރިޔާސަތުން ބުނީ ދެކޮރެޔާގެ ސުލްޙައަށްޓަކައި ވާހަކަދައްކަން ދެކުނު ކޮރެޔާގެ ސަރުކާރު އޮންނާނީ ތައްޔާރަށްކަމަށެވެ. އަދި ދެ ކޮރެޔާގެ ރައްޔިތުންގެ އުޚުވަތްތެރިކަމަކީ ކެނޑިގެންދާނެ ކަމެއް ނޫންކަމަށާއި، މިކަން ދެމެހެއްޓުމަކީ ދެކުނު ކޮރެޔާގެ ސިޔާސަތެއްކަމަށްވެސް އެ ޤައުމުގެ ރިޔާސަތުން ބުނެފައިވެއެވެ. އުތުރުކޮރެޔާގެ ޒައީމް ކިމްގޮންގް އުން ދެއްވި ޚިތާބުގައި އެމެރިކާއަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވިއެވެ. މިގޮތުން އެމެރިކާ އޮތީ އުތުރުކޮރެޔާގެ ނިއުކްލިޔަރ ޙަމަލާތައް ފޯރާފަށުގައިކަމަށް ވިދާޅުވެ، އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެކަމަށްވެސް އުތުރުކޮރެޔާގެ ޒައީމް ވިދާޅުވެފައިވެއެވެ. ދެކޮރެޔާގެ ދެމެދުގައި ނުތަނަވަސްކަން އުފެއްދުމުގެ ފަހަތުގައިވަނީ އެމެރިކާކަމަށް އުތުރު ކޮރެޔާ އަބަދުވެސް ދެކެއެވެ. މިކަމުގައި އެމެރިކާގެ ބޭނުމަކީ ކޮރެއާ ބައްރުގައި އަސްކަރީ ގޮތުން ފައިހަރުކޮށްލުމުގެ ފުރުޞަތު ހޯދުންކަމަށް އުތުރުކޮރެޔާ ބުނެއެވެ.