ވެލެންސިޔާއިން ވާހަކަދައްކަމުން ދަނިކޮށް އަހުމަދު ޝުހައިލް (ބަންބުޗް) ޔުނައިޓެޑް ވިކްޓްރީ އަށް ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަންގެ ފަހުކޮޅު ޓީސީއަށް ކުޅުނު އަހުމަދު ޝުހައިލް ޔުނައިޓެޑް ވިކްޓްރީއަށް ސޮއިކޮށްފައިވަނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައެވެ.
ޝުހައިލް ޔޫވީ އަށް ސޮއިކުރީ، ވިކްޓްރީ އާއި ކްލަބް ވެލެންސިއާއިން ވެސް އޭނާގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
2014 ވަނަ އަހަރު ނިއުރޭޑިއަންޓުގެ ކެރިއަރު ފެށި ޝުހައިލް ވަނީ އެޓީމާއިއެކު ވޭތުވިދިޔަ ހަތަރު އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ޓީސީ އާއި ގުޅުނީ މިދިޔަ ސީޒަންގެ މާލެ ލީގު ނިންމުމަށް ފަހު ސީޒަންގެ މެދުތެރޭގައެވެ.
ނިއުގައި ގިނަ މެޗުތަކެއް ކުޅެ، މުހިއްމު ގޯލް ތަކެއް ޖަހައިދިނުމަށްފަހު، 2017 ވަނަ އަހަރުގެ ސީޒަންގެ ފަހުކޮޅު ޓީސީއަށް ބަދަލުވި ނަމަވެސް، ޓީސީގެ ގިނަ މެޗުތަކުގައި އޭނާ އިންނަން ޖެހުނީ ބެންޗުގައެވެ.