ޚަބަރު

ސަފާ ފުރުވާލި މައްސަލާގައި ހާނިމާއި އާޒިމަށް ދައުވާކުރަނީ


މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލާފައި ހުރި މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް ރާއްޖެއިން ބޭރަށް ފުރުވާލާފައިވަނީ ޤަވައިދާ ހިލާފަށްކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރަން ނިންމައިފިއެވެ. 

ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް އިބްރާހިމް ޝަފާޒް ފުރުވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް މުހައްމަދު ހާނިމްގެ މައްޗަށެވެ. އިބްރާހިމް ޝަފާޒް ރާއްޖެއިން ބޭރަށް ފުރުވާލިއިރު އޭރު ހާނިމް ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމްގައެވެ. 

ހާނިމްއާއި އާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަގާމުގެ ބޭނުންކޮށްގެން އެހެން މީހަކަށް ނާޖައިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެކެވެ. މި މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.

ޖަލަށް ހުކުމްކޮށްފައިވަނިކޮށް އިބްރާހިމް ޝަފާޒް ގަވައިދާ ހިލާފަށް ފުރުވާލި މައްސަލަ ބެލުމަށްފަހު ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް އެސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އޭގެތެރޭގައި ޝަފާޒް ރާއްޖެއިން ބޭރަށް ފޮނުވުމަށް މެޑިކަލް ފޯމްގައި ސޮއިކުރި  ޑޮކްޓަރާއި މެޑިކަލް ބޯޑްގެ ދެ މެމްބަރުންނާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއާއި މާލޭ ޖަލުގެ ޗީފް ސްޕްރިޓެންޑެންޓްވެސް ހިމެނެއެވެ. 

18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނިކޮށް އިބްރާހިމް ޝަފާޒް ލަންކާއަށް ފުރުވާލާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. 

މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލާގައި އިބްރާހިމް ޝަފާޒް 18 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް 2015 ވަނަ އަހަރު ހައިކޯޓުން ބާތިލުކުރުން އެނާ ވަނީ މިނިވަންވެފައެވެ.