ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މަޤާމުން ދުރުކުރުމަށް އެމެރިކާއިން ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާކަމަށް ފަލަސްތީނުން ބުނެފިއެވެ.
އައްބާސް ދެކެ އެމެރިކާ ހިތްހަމަނުޖެހެނީ އެމެރިކާއަކީ މެދުއިރުމަތީގެ ސުލްޙައިގެ ކަންތައްތަކުގައި އިތުބާރު ގެއްލިފައިވާ ގައުމެއްގެ ގޮތުގައި ބަލައި އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކެއްގައި ފަލަސްތީނު ބައިވެރިނުވުމަށް އައްބާސް ނިންމެވުމާ ގުޅިގެންކަމަށް ފަލަސްތީނުގެ ރިޔާސީ މުސްތަޝާރު ނަބީލް ޝަޢުތު ވިދާޅުވިއެވެ.
ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިޢުތިރާފުވެ، ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެންބަސީ ޤުދުސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ފަލަސްތީނުންވަނީ އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.
މީގެ ތެރޭގައި މެދުއިރުމަތީގެ ސުލްހައިގެ ކަންތައްތަކުގައި އިސް ދައުރެއް އަދާކުރުމަށް އެމެރިކާ މިހާރު ކުފޫ ހަމަނުވާކަމަށާއި، އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކެއްގައި ފަލަސްތީނު ބައިވެރިނުވުމަށް ރައީސް މަހްމޫދު އައްބާސް ނިންމެވި ނިންމެވުން ހިމެނެއެވެ.
މިއާއެކު ފަލަސްތީނުންވަނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މެދުއިރުމައްޗަށް ކުރައްވާ ދަތުފުޅުގައި ފަލަސްތީނަށް ވަޑައިގެންނެވިކަމުގައިވިޔަސް ޕެންސާ ބައްދަލުނުކުރެއްވުމަށްވެސް ނިންމަވާފައެވެ.
އައްބާސްގެ މި ނިންމެވުމާއެކު މެދުއިރުމަތީގައި އެމެރިކާއަށް ލިބިފައިވާ ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތަކުގެ ބޮޑުބައެއް ގެއްލިގެން ދިޔުމުން އެމެރިކާ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، ފަލަސްތީނަށް ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު ދީފައެވެ.
މި އިންޒާރާއެކު އެމެރިކާވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދގެ އެޖެންސީއަށް ދޭ އެހީގެ ތެރެއިން ދުއިސައްތަ ނަވާވީސް މިލިޔަން ޑޮލަރު އުނިކޮށްފައެވެ.
ޤުދުސްގެ މައްސަލައިގައި ފަލަސްތީނާއި އިސްލާމީ އުންމަތާ ދެކޮޅަށް ވަކާލާތުކޮށް، އިސްރާއީލުގެ ކޮޅަށް ޖެހި އެމެރިކާ ހުސްވުމުން މެދުއިރުމަތީގެ ސުލްހައިގެ ކަންކަމުގައި އެމެރިކާއަށް ލިބިފައިވާ އިތުބާރު ގެއްލި، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އެމެރިކާވަނީ އެކަހެރިވެފައެވެ.
ފަލަސްތީނުގެ ރިޔާސީ މުސްތަޝާރު ނަބީލް ޝަޢުތު ވިދާޅުވީ އެމެރިކާއަށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މަޤާމުން ދުރު ނުކުރެވޭނެ ކަމަށާއި، އެމެރިކާއިން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިނަމަވެސް ޤުދުސާމެދު ޓްރަމްޕް ނިންމެވި ޣައިރު ޤާނޫނީ ނިންމުން އަނބުރައި ނުގެންދަނީސް ސުލްހައިގެ ކަންތައްތަކުގައި އެމެރިކާއަށް އިސް ދައުރެއް އަދާނުކުރެވޭނެކަމަށެވެ.
އަދި ޓްރަމްޕްގެ އެ ނިންމެވުމުގެ ސަބަބުން ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށްޓަކައި އެކުލަވާލި އޮސްލޯ އެއްބަސްވުމުގެ ބޭނުންވެސް މިހާރު ނެތިގެން ހިނގައްޖެކަމަށް ޝަޢުތު ވިދާޅުވިއެވެ.
އެމެރިކާ އާއި އިސްރާއީލުން އޮސްލޯ އެއްބަސްވުމާ ޚިލާފުވެ ފަލަސްތީނުގެ ބިންތަކާއި ޙައްޤުތައް ނިގުޅައިގަންނަމުންދާއިރު އޮސްލޯ އެއެއްބަސްވުމުގައި ފަލަސްތީނު ދެމިއޮތުމުގެ ބޭނުމެއްނެތްކަމަށާއި، އެ އެއްބަސްވުމުން މުސްތަޤުބަލުގައި ފަލަސްތީން ވަކިވާނެކަމަށްވެސް ނަބީލް ޝަޢުތު ވިދާޅުވިއެވެ.