މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން ފެބްރުއަރީ މަހުގެ ފަސްވަނަދުވަހު ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރީޔާސީ ބަޔާން ހުށައެޅުއްވުމެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައެވެ. މަޖިލިސް ހުޅުވާ ޖަލްސާ މީގެ ކުރިން ރައްޔިތުން މަޖިލީހުގައި ބާއްވަމުން އައި ނަމަވެސް ސަލާމާތީ ސަބަބުތަކަށްޓަކައި ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ ދަރުބާރުގޭގައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖލިސް ހުޅުވުމާއިއެކު ސާޅިސް ފަސް ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ބަންޑާރަ ނައިބް މުޙައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ބަޣާވާތް ކުރުމާއި ރިޝްވަތު ދިނުމުގެ ކުށަކީ ވަކި ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް ދެ އިޞްލާޙް ހުށަހަޅުއްވާކެމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އިންތިޚާބުތަކުގައި އަމަލުކުރި ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި އިންތިޚާބުތަކުގެ އޮބްޒާވަރުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކޮށް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގިނަ އިސްލާޙުތަކެއް ގެންނަވަން ވަނީ ނިންމަވާފައެވެ.