ދުނިޔެ

މަތިންދާބޯޓުގެ ވިޔަފާރީގެ ކުރީގައި އެއަރބަސް


މަތިންދާބޯޓު އުފައްދާ ޔޫރަޕްގެ މަޝްހޫރު އެއަރބަސް ކުންފުންޏަށް މިދިޔަ އަހަރު 1109 މަތިންދާބޯޓުގެ އޯޑަރު ލިބުނުކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މިއީ އެކުންފުންޏާއި ވާދަވެރި، ބޮއިންގ ކުންފުންޏަށް ލިބުނު އޯޑަރަށްވުރެ 200 މަތިންދާބޯޓު އިތުރު އަދަދެކެވެ. އަނެއްކޮޅުން މިއީ މިމަޤާމް އެއަރބަސް އިން ދިފާޢުކުރި ވިދިވިދިގެން ފަސްވަނަ އަހަރެވެ.

އެއަރބަސްއަށް މަތިންދާބޯޓުގެ އުފައްދަން އެންމެ ގިނަ އޯޑަރު ލިބުނުއިރު، އެންމެ ގިނަ އޯޑަރު އެއްފަހަރާ ލިބިގެންދިޔައީ ޑިސެމްބަރުމަހު ބޭއްވި ދުބާއީ އެއަރ ޝޯވގެ ތެރެއިންނެވެ. އެޝޯވގެ ތެރެއިން އިންޑިގޯ ޕާޓްނާސްއިން ވަނީ އެއަރބަސްއަށް 430 މަތިންދާބޯޓު ހެދުމުގެ އޯޑަރެއް ދީފައެވެ. މިއީ އެއަރބަސްގެ ތާރީޚުގައި އެއްފަހަރާ މިހާ ގިނައަދަދެއްގެ މަތިންދާބޯޓުގެ އޯޑަރު ލިބިގެންދިޔަ ފަހަރެވެ. ހަމަ މިޝޯވގެ ތެރެެއިން ބޮންއިންގ ކުންފުންޏަށް ވަނީ 175 ބޯޓުގެ އޯޑަރެއްވެސް ލިބިފައެވެ. ނަމަވެސް އެއީ އެއަރބަސްއަށް ލިބުނު އޯޑަރާ ބަލާއިރު ކުޑަ އަދަދެކެވެ.

img:http://s1.psmnews.mv/images/660x400/15161074481191.jpg|ބޮއިންގ މަރުކާގެ މަތިންދާބޯޓެއް / ބޮއިންގ އަކީ އެއަރބަސްއާ އެންމެ ވާދަވެރި ކުންފުނި

އެއަރބަސްއަށް މިދިޔަ އަހަރު ގިނަ އޯޑަރުތައް ލިބުނު ނަމަވެސް، އެންމެ ގިނަ އޯޑަރުތައް ނިންމުމަށްފަހު ޑެލިވަރ ކުރީ ބޮއިންގ ކުންފުނިންނެވެ. ބޮއިންގ ކުންފުނިން 763 ބޯޓުގެ މަސައްކަތް ނިންމުމަށްފަހު ހަވާލުކުރިއިރު، އެއަރބަސްއަށް ނިންމިފައިވަނީ 718 ބޯޓެއްގެ މަސައްކަތެވެ.

އެއަރބަސްއިން ބުނާގޮތުން އެކުންފުނީގެ އޭ380 ސުޕަރ ޖަމްބޯ މަތިންދާބޯޓުތަކުގެ ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެއީ އެބޯޓުތަކަށް އޯޑަރު ދިނުމުގެ ޤާބިލްކަން ހުރީ ހަމައެކަނި އެމިރޭޓްސް ކުންފުނީގައި ކަމަށްވެފައި، އެމިރޭޓްސްއިން އެކަމުގައި ގޮތްތަކެއް ނުހަދައިފިނަމަ އެބޯޓުތައް އުފެއްދުން ހުއްޓާލަން ޖެހޭނެތީކަމަށް އެއަރބަސްއިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/15161073970907.jpg|އެއަރބަސް ކުންފުނީގެ އޭ380 ސުޕަރ ޖަމްބޯ ޖެޓް މަތިންދާބޯޓެއް / މަތިންދާބޯޓުގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅެނީ އެއަރބަސް

2005 ވަނަ އަހަރު އެއަރބަސްއިން އޭ380 ސުޕަރ ޖަމްބޯ މަތިންދާބޯޓުތައް ތަޢާރަފްކުރިއިރު އެކުންފުނިން އުއްމީދުކުރީ 1200 އެއްހާ ބޯޓުގެ އޯޑަރު ލިބިގެންދާނޭކަމަށެވެ. ނަމަވެސް މިހާތަނަށް އެކުންފުނިން ޑެލިވަރކޮށްފައިވަނީ އެންމެ 200 ބޯޓެވެ. ނަމަވެސް އެކުންފުނިން އުއްމީދުކުރަނީ ބިޔަ މަތިންދާބޯޓުތަކަށް ކުރިމަގު އޮތްކަމަށެވެ. އެއީ ކޮންމެ 15 އަހަރަކުން އެއަރ ޓްރެފިކް 2 ގުނައަށް އިތުރުވާއިރު، ދަތުރުތައް އިތުރުކުރުމުގެ ބަދަލުގައި ޖެހޭނީ ބޮޑެތި ބޯޓުތައް ބޭނުންކުރަންކަމަށް އެއަރބަސްއިން ދެކެއެވެ.