ދުނިޔެ

ދެ ކޮރެއާގެ ސުލްޙައިގެ މަޝްވަރާތައް


ދެކޮރެޔާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށްދާއިރު އުތުރުކޮރެޔާއިން ހަތިޔާރުގެ ތަޖުރިބާއެއް ކުރާނެކަމަށް ނުދެކޭކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ.

ސްވިޒަލެންޑްގެ ޑާވޮސްގައި ކުރިއަށްދާ ބައިނަލްއަޤުވާމީ އިޤްތިޞާދީ ފޯރަމްގައި ވާހަކަދައްކަވަމުން ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ކަންގް ކިޔުންގް ވިދާޅުވީ އުތުރުކޮރެޔާގެ ފަރާތުން ޖެއްސުންކުރުމުގެ ޢަމަލެއް ފެނިއްޖެނަމަ ދެކޮރެޔާ ދެމެދުގައި މިހާރުއޮތް ސުލްހައިގެ ހަނި ފުރްސަތުވެސް ގެއްލިގެން ހިނގައިދާނެކަމަށެވެ.

ދެކޮރެޔާ ދެމެދުގައި ވާހަކަތައް ކުރިއަށްދަނީ އުތުރުކޮރެޔާގެ ފަރާތުން އަތުވެދާނެ ކޮންމެ ޢަމަލަކަށް ރައްދު ދިނުމުގެ ރޫހާ އެކުގައިކަމަށްވެސް ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މި ވާހަކަތައް ކުރިއަށްދަނީ ދެކުނު ކޮރެޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިނި މޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އުތުރުކޮރެޔާއަށް ދިނުމާބެހޭގޮތުންނެވެ. މިކަމަށްޓަކައި، އުތުރުކޮރެޔާގެ ވަފުދެއް މިހާރުވެސް ދެކުނު ކޮރެޔާގައި ހަރަކާތްތެރިވަމުންދެއެވެ.

ދެކުނު ކޮރެޔާއިން އުންމީދުކުރަނީ ދެ ކޮރެޔާގެ ދެމެދު މިހާރު ކުރިޔަށްދާ ވާހަކަތަކުން ސުލްހައިގެ މަގެއް ފެންނާނެކަމަށެވެ.

އެހެންނަމަވެސް ދެކޮރެޔާގެ ސިޔާސަތަށް ބައެއް ބަދަލުތައް ގެނެސް އެއް ޤައުމު އަނެއް ޤައުމަށް ދޫދީގެން މެނުވީ ސުލްހައިގެ ފުރުޞަތު ނޯންނާނެކަމަށް މުރާސިލުން ބުނެއެވެ.