ފައިސާ ނުދެއްކިގެން ގާކޮށްޓާއި އަރަބިއްޔާ ކޮށިން ފުލެޓް ނުލިބުނު ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގާކޮއްޓާއި އަރަބިއްޔާ ސްކޫލު ކުރިން ހުރި ސަރަހައްދުގައި އިންޑިއާގައި ޓާޓާ ކުންފުނިން އިމާރާތްކުރި 264 ފުލެޓަށް ހޮވުނު މީހުންގެ ތެރެއިން ފުލެޓް ހަވާލުކޮށްފައިވަނީ އެތަނަށް ކަނޑައެޅި އަގުކަމަށްވާ 2 މިލިއަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ދައްކާ ހަލާސްކުރެވޭ މީހުންނަށެވެ.
ގާކޮއްޓާއި އަރަބިއްޔާ ސްކޫލު ހުރި ސަރަހައްދުގައި ހުރިި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލުމަށް ހައުސިންގ ޑިވެލޮޕްމަންޓުން ކޯރޕަރޭޝަން، އެޗް.ޑީ.ސީން ނިންމާ ގަންނަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ހުށައެޅުމަށް މިއަދު ވަނީ ހުޅުވާލާފައެވެ
އެ ފުލެޓްތައް ވިއްކާލަން ހުޅުވާލުމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާކޮށްޓާއި އަރަބިއްޔާ ފުލެޓްތަކަށް ހޮވި ފުލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގާ އަގުހެޔޮ ގެދޮރުވެރިކަމުގެ މަޝަރޫއިން ޕްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ ޓާޓާ ފުލެޓްތަކުގެ ބޮޑު އަގުގައި ދޫކުރަންޖެހުނީ އެމްޑީޕީގެ ސަރުކާރުން ޓާޓާއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުންކަމަށެވެ. އެގޮތުން އެމްޑީޕީން ޓާޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ވަރަށް ބޮޑަށް ވަކި ފަރާތަކަށް ގިނަ މަންފާތަކެއް ލިބޭނެހެން ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްކަމަށާއި، މިކަމަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވެފައި، މި އެއްބަސްވުމަށް އިޙްތިރާމްކުރުމުގެ ގޮތުން ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދެވީކަމަށެވެ. އެހެންނަމަވެސް މި އެއްބަސްވުމަށް ބަދަލުގެނެއުމަށް ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އަރައްބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ވިއްކާލުމަށް ހަމަޖެހިފައިވަނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތްކޮށްފައިވާ 30 ފްލެޓަކާއި، ގާކޮށީގައި އިމާރާތްކޮށްފައިވާ 75 ފްލެޓެވެ. މިއިން ކޮންމެ ފްލެޓެއްވެސް ވިއްކާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ނިންމާފައިވަނީ 2 މިލިއަން ރުފިޔާއެވެ.