ޚަބަރު

ސަޢުދީ މަޤާމުން ވަކިކޮށް ހިންގުން ނަވާޒާ ހަވާލުކޮށްފި


ޑެޕިއުޓީ ކޮމިޝަނަރކަމުގެ މަޤާމުން އަޙްމަދު ސަޢުދީ ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހއ. ހޯރަފުށި، އަލިމަސްގެ އަޙްމަދު ސަޢުދީ އެމަޤާމުން ވަކިކުރައްވައިފިއެވެ. ސައުދީ މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކުރައްވާފައެއްނުވެއެވެ.

ސައުދީ މަޤާމުން ވަކިކުރެއްވުމަށްފަހު ފުލުހުންގެ އިދާރާ ހިންގެވުމަށް ޑެޕިއުޓީ ކޮމިޝަަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ނަވާޒު އާއި ވަނީ ހަވާލުކުރައްވާފައެވެ. ނަވާޒު އާއި ފުލުހުންގެ އިދާރާ ހިންގެވުން ހަވާލުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރގެ މަޤާމުން ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް އައްޔަންކުރެއްވުމަށްފަހުކަމަށް ފުލުހުން ބުނެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ސައުދީ އެކްޓިން ކޮމިޝަނަރގެ މަޤާމާއި ހަވާލުކުރައްވާފައިވަނީ ސީޕީގެ މަޤާމުގައި ކުރިން ހންނެވި އަހުމަދު އަރީފު މިދިޔަ ބުރާސްފަތި ދުވަހު އެ މަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. އަރީފް މަޤާމުން ވަކިކުރެއްވީ ސުޕްރީމްކޯޓުން ނެރުނު އަމުރާއި ގުޅިގެން  އެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ތަކްރާރުކޮށް ގުޅުއްވުމުންވެސް ފޯނަށް ޖަވާބު ނުދެއްވުންކަމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލްވަނީ ވިދާޅުވެފައެވެ.