މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ޤާނޫނީ ގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށް ސުޕްރީމްކޯޓުން ޕްރޮސިކިއުޓަރ ޖެނަރަލަށް އަންގައިފިއެވެ.
މިިިދިޔަ ބުރާސްފަތިދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒުކުރުމަށް އިތުރު އިރުޝާދާއި މަޝްވަރާއަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އެދިލައްވާފައިވަަތީ އެކަމަށް ޖަވާބުދެއްވާ ސުޕްރީމްކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯޓުން ނެރުނު އަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް އެ އަމުރު ތަންފީޒުކުރުމަށް ޤާނޫނީ ގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެ އަމުރުގައިވާގޮތުގެ މަތިން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާއި ބެހޭ ކޯޓަށް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއްނެތްކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާތީ އެކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާކަމަށެވެ.
ސުޕްރީމްކޯޓުން މި ބަޔާންނެރެފައިމިވަނީ އެ ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގައި ޤާނޫނީ ގޮތުން ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ އެކަންކަން ވަރަށް ތަފުސީލުކޮށް ސުޕްރީމްކޯޓަށް ހުށައަޅާފައިވާކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެފައިވަނިކޮށެވެ.
ސުޕްރީމްކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ބާރަ މެންބަރުގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަ މީހަކު މިނިވަންކުރުމަށްވެސް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.