ދުނިޔެ

ޚާލިދާ ޒިޔާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު މައި ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)ގެ ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތު ސާބިތުވުމާ ގުޅިގެން އެކަމަނާ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވަމުން ދާކާގެ ޖިނާއީ ކޯޓުގެ ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަޤާމުގައި ހުންނެވި ދުވަސްވަރު އޭގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވިކަން ޚާލިދާ ޒިޔާގެ މައްޗަށް ސާބިތުވެފައިވާކަމަށެވެ.

ދާކާގެ ކޯޓަކުން ޚާލިދާ ޒިޔާގެ މައްޗަށް އިއްވި މި ހުކުމްގެ ސަބަބުން އެކަމަނާއަށް ވަނީ މިއަހަރު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ޚާލިދާ އާއި އެކަމަނާގެ ޕާޓީގެ ވެރިންނާއި ސަޕޯޓަރުން ރުޅި ގަދަވެފައިވާއިރު، ވެރިކަންކުރާ އަވާމީ ލީގުގެ އިސްވެރިއަކު ވިދާޅުވީ، ސިޔާސީ ގޮތުން ކިތަންމެ ފުންނާބު އުސް ބޭފުޅަކަށްވީނަމަވެސް ޚާލިދާވެސް ކުށެއް ކުރައްވައިފިނަމަ އެ ކަމުގެ ނަތީޖާއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ.

މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވައިގެން ކޮރަޕްޝަނުން ބަރީއަވެފައިވާކަން އިސްތިއުނާފްގެ މަރްހަލާގައި ކޯޓަށް ސާބިތު ކޮށްދިނުމުގެ ފުރުޞަތު ޚާލިދާއަށް އޮތްކަމާ ސަރުކާރަށް ފާޑުވިދާޅުވުމުގެ ބަދަލުގައި އެ މަގު އިޚްތިޔާރުކުރެއްވުން ޚަލިދާއަށް އައުލާކަން ބޮޑުކަމަށްވެސް އަވާމީ ލީގުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

 ޚާލިދާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތުތަކުގެ ތެރޭގައި، ބަންގްލަދޭޝްގެ ޔަތީމް ޚާނާއަކަށް ދޭން ކަނޑައަޅާފައިވާ ފައިސާއަށް ޚިޔާނާތްތެރިވެ ވަޑައިގަތުމާއި އެނޫންވެސް ބައެއް ތުހުމަތުތައް ހިމެނެއެވެ.

މިމައްސަލައިގައި ޚާލިދާގެ ދަރިކަލުން ތާރިޤް ރަހްމާނާއި ޚާލިދާއާ އަރިސް ދިހަ ބޭފުޅެއްގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.

މި ހުކުމް އިއްވި ދާކާގެ ޖިނާއީ ކޯޓުގެ ފަނޑިޔާރު ވިދާޅުވީ ޚާލިދާގެ މައްޗަށްވެސް ދިހަ އަހަރުގެ ހުކުމެއް އަންނަން ޖެހޭކަމުގައިވާނަމަވެސް އެކަމަނާގެ ސިއްޙީ ހާލުކޮޅު ހުރިގޮތާއި ޢުުމުރަށް ރިޢާޔަތްކުރުމަށްފަހު ޖަލުހުކުމް ފަސްއަހަރަށް ކުޑަކުރީ ކަމަށެވެ.

އުމުރުން ހަތްދިހަ ދެ އަހަރުގެ ޚާލިދާ ޒިޔާއަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ. ޚާލިދާ ސިޔާސީ މައިދާނަށް ވަޑައިގެންނެވީ ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު ބަންގްލަދޭޝަށް ގެނައި އަސްކަރީ ބަޣާވާތެއްގައި ޚާލިދާގެ ފިރިކަލުން އަދި ބަންގްލަދޭޝްގެ އޭރުގެ ރައީސް ޟިޔާއުއްރަހްމާން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ހުކުމަށްފަހު ޚާލިދާގެ ސަޕޯޓަރުންވަނީ ދާކާގެ މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ހިންގައި އެއީ ސިޔާސީ ހުކުމެއްކަމަށް ސިފަކޮށްފައެވެ.