ޚަބަރު

އެންޑީޓީވީގައި ދެއްކި ވާހަކަތައް ކުށްވެރިކޮށްފި


ދިވެހިރާއްޖެއާބެހޭ ގޮތުން ހަޤީޤަތް އޮޅޭ ގޮތަށް އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލެއްގައި ދެއްކި ވާހަކަތައް ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ އެންޑީޓީވީން އިއްޔެ ދެއްކި ޕްރޮގްރާމެއްގައި ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް އުނިކަން އަންނާނެގޮތަށް، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވާހަކަދައްކާފައިވާކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑަށް ލަދުވެތިވާންޖެހެނީ މަޖިލީހުގެ ރައީސްކަމާއި ފޮރިން މިނިސްޓަރުކަމާއި އަދި މަޖިލީހުގެ މިހާރުވެސް މެމްބަރެއްކަމަށްވާ އަބްދުﷲ ޝާހިދު މިޕްރޮގްރާމްގައި ބައިވެރިވެ، ބޭރުގެ މިލިޓަރީ ރާއްޖެ އައުމަށް ތާޢީދުކޮށް ވާހަކަދެއްކުމުންކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން މިޕްރޮގްރާމްގައި ވާހަކަދެއްކި އިންޑިއާގެ ކުރީގެ ޑިޕްލޮމޭޓަކު ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާފައިވާކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ. މިގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ޖީއެމްއާރު ބޭރުކޮށްލާފައިވާކަމަށް ބުނެ ދެއްކި ހަޤީޤަތާއި ޚިލާފު ވާހަކަތައް ޕީޕީއެމުން ކުށްވެރިކުރިއެވެ. އަދި މިދިޔަ އަހަރު ރައީސް ޔާމީން ޗައިނާއަށް ވަޑައިގެންނެވިކަމަށް އެޕްރޮގްރާމްގައި ބުނިއިރު، ރައީސް ޔާމީން މިދިޔަ އަހަރު ޗައިނާއަށް ވަޑައިނުގަންނަވާކަންވެސް ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައެވެ.

ޕީޕީއެމްގެ ބަޔާނުގައި މިފަދަ ކަންކަމަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަދެ، ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތްތަކެއްކަމަށް ސިފަކޮށްފައިވެއެވެ. އަދި ރާއްޖެއާއި ބެހޭ ގޮތުން އިންޑިއާގެ ޓީވީތަކުގައި މިފަދަ ވާހަކަތައް ދެއްކުމަކީ އިންޑިއާ ސަރުކާރުންވެސް ބަލައި ގަންނާނެ ކަމެއް ނޫންކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.