ޚަބަރު

ބޭރު ސިފައިން ރާއްޖެ އައުމަށް ގޮވާލި މައްސަލަ ބަލަން ގޮވާލައިފި


ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ ސިފައިން ރާއްޖެއަށް އެރުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ގޮވާލި މައްސަލަ ތަހްޤީގުކޮށް ފިޔަވަޅު އެޅުމަށް ވެރިކަންކުރާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތައް ދެއްކުމަކީ ކުށެއްކަމަށާ، އެފަދަކަންކަން ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިދީގެން ނުވާނެކަމަށެވެ. އަދި އެފަދަ ކަންކަން ރާވައި ހިންގަން އުޅުމަކީވެސް ބަލަންޖެހޭކަމެއްކަމަށެވެ. އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން މިފަދަ ވާހަކަތައް ދައްކާއިރު މިއީ އެމީހުންގެ ހިތްތަކުގައި ދިވެހި ލޮބުވެތި ޤައުމަށް އެއްވެސް މިންވަރެއްގެ ލޯތްބެއް ނެތްކަން ހާމަވާކަމެއްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލިޑަރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ވިދާޅުވީ، ރާއްޖެއަށް ބޭރުގެ ސިފައިން އަރަން ގޮވާލިމީހުން އެމީހުންގެ ވާހަކަތައް އެހެންގޮތަކަށް ތަރުޖަމާކުރަން މިހާރު މަސައްކަތްކުރަމުންދާކަމަށާ، އެހެންނަމަވެސް އެމައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ކުރަންޖެހޭނެކަމެއްކަމަށެވެ. މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެއްވެސް ވާހަކައެއް ދެއްކުމުގެ އެއްވެސް ހައްޤެއް އިދިކޮޅު ފަރާތްތަކަށްވެސް އަދި އެނޫންބަޔަކަށްވެސް ނޯންނާނެކަމަށް އެހެންކަމުން މިޤައުމުގެ ހައްޤުގައި މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ނިހާން ގޮވާލެއްވިއެވެ.