ސްޕެނިޝް ލީގު ކަޕުގައި އެސްޕަނިޔޯލްގެ ސަޕޯޓަރުންނަށް މަލާމާތް ކުރުމުގެ ގޮތުން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އިޝާރާތްތަކެއް ކޮށްފައިވާ މައްސަލަ ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަނުން ބަލަން ފަށައިފިއެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި މި މައްސަލަ ބަލަން ފެށިއިރު މެޗުގެ ރެފްރީ ޕީކޭގެ އެއްވެސް މައްސަލައެއް މެޗު ރިޕޯޓްގައި ފާހަގަކޮށްފައިނުވެއެވެ. ނަމަވެސް ސްޕޭނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ހާވިއާ ޓެބާސް ބުނީ ޕީކޭގެ އަމަލުތައް ހުރީ އެސްޕަނިޔޯލްގެ ސަޕޯޓަރުންނަށް އިހްތިރާމް ކުޑަކުރާ ގޮތަކަށްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ބަލަން ފަށާފައިވާއިރު ޕީކޭ ކުށްވެރިވެއްޖެނަމަ އޭނާ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުން އެކަށީގެންވެއެވެ. އޭނާ ސަސްޕެންޑްކޮށްފިނަމަ އެއީ ބާސެލޯނާއަށް ހައްލު ކުރަން އުނދަގޫ މައްސަލައަކަށްވުން އެކަށީގެންވެއެވެ. ޕީކޭ އަކީ ބާސެލޯނާގެ ފަހަތުގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.