ކުޅިވަރު

ޗެލްސީގައި ސްޕޭނުގެ ފައުޖެއް!


ޗެލްސީ އާއި ބާސެލޯނާ ޗެމްޕިއަންސް ލީގުގަި މިރޭ ކުޅޭ މެޗަކީ ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ހާއްސަ މެޗެކެވެ. ސްޕޭނުގެ އެންމެ ބޮޑު ދެ ކުލަބުގެ ތެރޭގައި ހިމެނެ ބާސެލޯނާއާ ދެކޮޅަށް ޗެލްސީ މިރޭ ނުކުންނައިރު އެ ޓީމުގައި ޖެހިފައިވާ ސްޕޭނުގެ ކުލަތައް ގިނައެވެ.

މިރޭގެ މެޗަށް އެކުލަވާލާފާއިވާ ޗެލްސީގެ ސްކޮޑުގެ ހަ ކުޅުންތެރިއަކީ މީގެ ކުރިން ސްޕެނިޝް ލީގުގައި ކުޅެފައިވާ މުހިންމު ކުޅުންތެރިންނެވެ. އެއީ ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ އާއި މިޑްފީލްޑަރު މާކޯސް އަލޮންސޯ އާއި ސެސް ފެބްރިގާސް އާއި ޕެޑްރޯ ރޮޑްރިގޭޒް އާއި ފޯވަޑް އަލްވާރޯ މޮރާޓާއެވެ. މީގެ ތެރެއިން ބެލްޖިއަމުގެ ކީޕަރު ކޯޓުއާ ފިޔަވައި އަނެއް ފަސް ކުޅުންތެރިންނަކީ ސްޕޭނަށް އުފަން ކުޅުންތެރިންނެވެ. މީގެ ތެރެއިން ފެބްރިގާސް އާއި ޕެޑްރޯ އަށް މި މެޗަކީ ހާއްސަ މެޗެކެވެ. މި ދެ ކުޅުންތެރިންނަކީ އެންމެ ތުއްތުއިރުއްސުރެ ބާސެލޯނާގެ އުޅެ އެކުލަބަށް ކުޅެ ބޮޑުވި ދެ ކުޅުންތެރިންނެވެ.

މިރޭގެ މެޗަށް ބެހޭ ގޮތުން ފެބްރިގާސް ބުނީ އޭނާގެ އެންމެ ހިތި ހަނދާނަކީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުން ބާސެލޯނާ ބަލިވި މެޗު ކަމަށެވެ. އެ މެޗަށްފަހު ޗޭންޖިން ރޫމުގައި ބާސެލޯނާގެ ލަޔޮނަލް މެސީ އާއެކު ވަރަށް ގިނަ ކުޅުންތެރިން ރޮއި ހެދި ކަމަށެވެ.

"އަހަރެންގެ އެންމެ ހިތި ހަނދާނަކީ އެއީ. އަހަރެން ވަރަށް ދެރަވި އެ މެޗުން ބަލިވުމުން. މުޅި ޗޭންޖިން ރޫމުގައި އޮތީ ގިސްލުމުގެ އަޑު. އަހަރެން އެ ހަނދާނެއް ނުނެތޭނެ،" ފެބްރިގާސް ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު ވެސް ބަދަލުނުވާ އެއް ކަމެއް އެބައޮތް ކަމެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށާއި މިހާތަނަށް ޗެލްސީ ކޮޅަށް ލަނޑު ޖަހާފައިނުވި ނަމަވެސް އިނގިރޭސި ލީގުގައި މެސީ ކުޅުނަސް އޭނާ ވެެގެންދާނީ އާދަޔާހިލާފު ތަފާތު ކުޅުންތެރިއަކަށް ކަމަށެވެ.

ޕެޑްރޯ ބުނީ 2012 ވަނަ އަހަރު ޗެލްސީ އަތުން ބަލިވި މެޗަށް ފަހު ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ޗޭންޖިން ރޫމުގައި ތިބީ އިސްޖަހައިގެން ކަމަށާއި، އޭނާ އަދިވެސް އިއްޔެވީ ކަމެއްހެން އެ ދުވަހުގެ ހަނދާން އެބަހުރި ކަމަށެވެ.