ޚަބަރު

2 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމްކުރަނީ


ދ.ރިނބިދުއާއި، ފ.މަގޫދޫގައި އައިލަންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރުމަށް ދެކުންފުންޏަކާ ޙަވާލުކޮށްފިއެވެ. 

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، ދ.ރިނބިދޫ އައިލަންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެވެ. 

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރެންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި އެކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރަޙުމާން މުޖުތަބާ އާދަމެވެ. މިމަސައްކަތް 120 ދުވަސްތެރޭގައި ނިންމަންޖެހެއެވެ. 

ފ.މަގޫދޫގައި އައިލަންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރުމަށް ޙަވާލުކޮށްފައިވަނީ ދަންމާނު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މީވެސް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓްގެ ތެރެއިން އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަސައްކަތް 90 ދުވަހުގެތެރޭގައި ނިންމަންޖެހެއެވެ. އެކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސިރާޖެވެ. 

މީގެ އިތުރުން އެންވަޔަރެންމަންޓް މިނިސްޓްރީން ވަނީ، ދެކުނުން އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސިސްޓަމަށް ބޭނުންވާ އީއައިއޭ ހެދުމަށް، ސީޑީއީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މިމަސައްކަތަށް ތިންލައްކަ ސައުވީސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީންބުނެއެވެ.