ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ އެ ޤައުމުގެ ވެރިރަށް ދިމިޝްޤުގެ ރަށްބޭރުން އޮންނަ އިރުމަތީ ޣައުޘާ ސަރަހައްދަށް ސޫރިޔާގެ އަސްކަރިއްޔާއިން ހުއްޓުމެއްނެތި ދެމުންދާ ވައިގެހަމަލާތައް މިހާރުން މިހާރަށް ނިންމާލުމަށް އދން ގޮވާލައިފިއެވެ.
އދން މިކަމަށް ގޮވާލާފައިވަނީ ވޭތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި އެކަނިވެސް، ނުވަދިހަ ހަތަރު މީހުން މަރުވެފައިވާކަމަށް، ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އަންނަ މާރިޗް މަހު ސޫރިޔާގެ ހަނގުރާމައަށް ހަތް އަހަރު ފުރޭއިރު، ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި މިހާރު އޮތް އެންމެ ބޮޑު ދެ ސަރަހައްދަކީ އެ ޤައުމުގެ އިދްލިބާ ވެރިރަށް ދިމިޝްޤުގެ ރަށްބޭރުން އޮންނަ އިރުމަތީ ޣައުޘާ ސަރަހައްދެވެ.
މީގެ ތެރެއިން ޣައުޘާ ސަރަހައްދަކީ 2013 ވަނަ އަހަރުން ފެށިގެން ސޫރިޔާގެ އަސްކަރިއްޔާއިން ހުއްޓުމެއްނެތި ވައިގެ ހަމަލާތައް ދެމުން ދާ ސަރަހައްދެކެވެ.
އދން ބުނެފައިވަނީ މިސަރަހައްދުގައި ހަތަރު ސަތޭކަ ހާސް މީހުން ތާށިވެފައި އެބަތިބި ކަމަށާއި އެ ސަރަހައްދުގައި ހިންގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ތިބީ އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިކަމަށެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި ސޫރިޔާގެ އަސްކަރިއްޔާގެ އިތުރުން އެ ގައުމުގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ އެއް ސަފެއްގައި ހަނގުރާމަކުރަމުންދާ ރަޝިޔާގެ ވައިގެ އަސްކަރިއްޔާއިންވެސް، މި ދެ ސަރަހައްދަށް ވައިގެ ހަމަލާތައް ދެމުންދާއިރު، މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިރުމަތީ ޣައުޘާއަށް ދެމުންދާ ވައިގެ ހަމަލާތަކަކީ މީގެ ކުރިން ދީފައިވާ ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާތަކެއް ކަމަށް، ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސުން ބުނެއެވެ.
އެ ޖަމާޢަތުން ހޯމަ ދުވަހު ބުނެފައިވަނީ ވޭތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަށް ދީފައިވާ ހަމަލާތަކުގައި އެކަނިވެސް ނުވަދިހަ ހަތަރު މީހުން މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި އަށާރަ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
ސީރިއަން އޮބްޒަވޭޓަރީ އިން ބުނެފައިވަނީ އިރުމަތީ ޣައުތާއަށް އަމާޒުވަމުންދާ ވައިގެ ހަމަލާތައް ގިނަވުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނާއި އެ މީހުންގެ އާއިލާތައް ވަނީ އިމާރާތްތަކުގެ ބިންގަރާސްތަކުގައި ހިމާޔަތް ހޯދާފައި ކަމަށާއި ބޭރުތެރެއަށް ނިކުމެ އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
މިދަނޑިވަޅުގައި، އދން މިވަނީ އިރުމަތީ އެ ސަރަޙައްދަށް ދެމުންދާ ވައިގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.
ސޫރިޔާގެ ހަނގުރާމައަށް އދން ހަމަޖައްސާފައިވާ މިޝަންގެ އިސް އޮފިޝަލު ޕަނޯސް މުމްތާޒް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ރަހުމުކުޑަގޮތެއްގައި މީހުންގެ ފުރާނަ ގެއްލުން ހުއްޓުވަން ޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ، މި ހަމަލާތަކުގެ ސަބަބުން އިރުމަތީ ޣައުޘާގައި މިހާރު އުފެދިފައިވާ އިންސާނީ އެހީގެ ކާރިޘާ އިތުރަށް ކޮންޓްރޯލުން ނެއްޓިގެން ގޮސްފައިވާ ކަމަށާއި އެ ސަރަހައްދުގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކު މިހާރު ތިބީ ނާޒުކު ފައްތަރެއްގައިކަމަށެވެ.